މާލެ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއް ކަމަށްވާ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 35 ހެކްޓަރުގެ ބިން މިހާތަނަށް ހިއްކާ ނިންމާލާފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފި އެވެ.
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ވަނީ ބައްލަވާލައްވާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އެ ސަރަޙައްދަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ދެންނެވުމުގައި އިސްކޮށް ހުންނެވީ އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ބޭފުޅުންނާއި އެމްއޭސީއެލްގެ އިސްވެރިންވެސް މި އިސްތިޤްބާލުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
މާލޭ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރުފަޅުން ޖުމުލަ 167.15 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެމްއޭސީއެލްއިން ހިއްކަމުންދަނީ މަސައްކަތުގެ ނުނިމިވާ 97.15 ހެކްޓަރުގެ ބިމެވެ. މިދިޔަ ސަރުކާރު ނިމުނިއިރު ނިންމާފައި އޮތީ 70 ހެކްޓަރެވެ. މީގެ ތެރެއިން 35 ހެކްޓަރުގެ ބިން މިހާތަނަށް ވަނީ ހިއްކާ ނިންމާފައިކަމަށް އެ ކުންފުނިން ހާމަކުރެ އެވެ.
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދަނީ 35,000 ކިއުބިކް މީޓަރުގެ ކުއީން އޮފް ދަ ނެދަލޭންޑްސް އަދި 22,000 ކިއުބިކް މީޓަރުގެ އޮރޭންޖް ނަމަކަށް ކިޔާ ޑްރެޖަރު ބޭނުންކޮށްގެން ނެވެ.
ކިޔުންތެރިންގެ ހިޔާލު