ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުކުރު ދުވަހު މުހުލަތު ހަމަވާނެ، އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދިނުމާމެދު އަދި ގޮތެއް ނުނިންމަން: ޓްރަމްޕް

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން:

އެއްބަސްވުމެއް ހަދަން އީރާނަށް ދިން 5 ދުވަހުގެ މުހުލަތު މާދަމާ ހަމަވާއިރު، އެމެރިކާއިން އީރާނުގެ އިންޖީނުގެތަކަށް ހަމަލާ ދޭން ފެށުމާމެދު އަދި ގޮތެއް ނުނިންމާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާއާ ވާހަކަ ދައްކަން 5 ދުވަހުގެ މުހުލަތު ދިނުމަށްފަހު ޓްރަމްޕް ބުނެފައިވަނީ، އީރާނުން އެކަން ނުކޮށްފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދީ ގޮއްވާލާނޭ ކަމަށެވެ. ޓްރަމްޕް ދިން މުހުލަތު ހަމަވާނީ މާދަމާއެވެ.

ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓްރަމްޕް ބުނީ، ހަނގުރާމަ ހުއްޓާލަން އެއްބަސްވުމެއް ހަދަން އީރާނުގެ ވެރިން އާދޭސް ކުރަމުންދާ ކަމަށެވެ. އެހެން ނަމަވެސް، އެމީހުންނާ ވާހަކަ ދައްކަން ވަރަށް އުނދަގޫ ކަމަށާއި، އެއީ ވަރަށް “ސްމާޓް” ބައެއް ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ހެދުމަށް އެމެރިކާއިން 15 ނުކުތާ ހިމެނޭ ޕްލޭނެއް ޕާކިސްތާން މެދުވެރިކޮށް އީރާނަށް ހުށަހަޅާފައި ވާއިރު، އީރާނުންވަނީ އެމެރިކާގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ.

އީރާނުގެ އިސް އޮފިޝާލަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ، އެމެރިކާގެ ހުށަހެޅުން އީރާނުގެ ވެރިންނާއި، ރޫހީ ލީޑަރުގެ މަންދޫބުން ދިރާސާކޮށްފައިވާ ކަމަށާއި، އެމެރިކާގެ ހުށަހެޅުމަކީ ވަރަށް ބޮޑަށް އެއްފަރާތަށް ޖެހިފައިވާ، ބޭއިންސާފު ހުށަހެޅުންތަކެއް ކަމަށެވެ.

އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމުގެ ބަދަލަށް އީރާނު އަމިއްލަ ދިފާއުގެ ހުރިހާ ކަމެއް ގުރުބާންކޮށްލަން އެމެރިކާއިން ހުށަހަޅާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އީރާނުން އެޔަށް ނޫނެކޭ ބުނީ އެހެންވެގެންނެވެ.

އެމެރިކާއިން ދެން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި، ޔޫރޭނިއަމް ފައްކާކުރުން މުޅީން ހުއްޓާލުމާއި، ނިއުކްލިއަރ ހަތިޔާރު އުފައްދަން ދުވަހަކުވެސް މަސައްކަތް ނުކުރުމާއި، މިސައިލް ޕްރޮގްރާމް ލިމިޓްކުރުން ހިމެނެއެވެ.

އީރާނުން ތަކުރާރުކޮށް ބުނަމުން ގެންދަނީ، އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް ވާހަކައެއް ދެކެވެމުން ނުދާ ކަމަށެވެ.

އެކަމަކު، އެމެރިކާގެ ރައީސްގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް މިއަދުވެސް ބުނީ، ވާހަކަތައް ކުރިއަށްދާ ކަމަށާއި، މެދުވެރިއެއްގެ ދައުރު އަދާކުރަމުން ގެންދަނީ ޕާކިސްތާނުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާއިން ގަލްފްގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލު ރައްކާތެރިކުރުމަށް: އީރާނުގެ ޚާރިޖީ ވަޒީރު

އެމެރިކާއާއި އިސްރާއީލުގެ ހުށަހެޅުންތައް: އީރާނުން އަންގަނީ މަގްސަދު ހާސިލްނުވަނީސް ހަމަލާތައް ހުއްޓާނުލާނޭ ކަމަށް

އީރާނާ ދެކޮޅަށް ޓްރަމްޕް ކުރާ ހަނގުރާމަ ހުއްޓުވަން ސެނޭޓަށް ހުށަހެޅި ދެވަނަ ގަރާރުވެސް ބޭރުކޮށްލައިފި

އީރާނުގެ ހަމަލާތަކުން ބަހްރެއިން ދިފާއުކުރަން ގޮސްހުރި ޔޫއޭއީ ސިފައިންގެ މީހަކު މަރުވެއްޖެ