އެމެރިކާއިން ގަލްފްގެ ގައުމުތަކުގައި އަސްކަރީ ބޭސްތައް ގާއިމްކުރީވެސް އިސްރާއީލުގެ ހިމާޔަތުގައި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވިދާޅުވެއްޖެއެވެ.
އީރާނުގެ ގައުމީ ޓީވީން ދުރަށްދެއްކި އިންޓަރވިއުއެއްގައި އައްބާސް އަރަޣްޗީ ވިދާޅުވީ، އެމެރިކާއިން މެދުއިރުމަތީގައި އެންމެ އިސްކަންދޭ ކަމަކީ އިސްރާއީލު ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ކަމަށެވެ. އެނޫންވެސް އެއްވެސް މަގްސަދެއް އެމެރިކާގެ ނެތްކަމަށް ވިދާޅުވިއެވެ.
އެކަން ކުރުމަށްޓަކައި އެމެރިކާ އޮތީ ހުރިހާކަމެއްވެސް ގުރުބާން ކުރުމަށް ތައްޔާރަށް ކަމަށް، އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާއިން އިސްކަންދޭ ހަމައެކަނި ކަމަކީ އިސްރާއީލު ރައްކާތެރިކުރުންކަން ސާބިތުކޮށް ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ ވަނީ، ސަރަހައްދުގެ ގައުމުތައް ރައްކާތެރިކުރަން އެމެރިކާއިން ކުރީ ކޮންކަމެއްތޯ ސުވާލު ކުރައްވާފައެވެ.
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އީރާނުން މިހާރުވެސް ރައްދު ހަމަލާތައް ދެމުންގެންދަނީ ގަލްފްގެ ގައުމުތަކުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާއާއި އިސްރާއީލުގެ މަސްލަހަތުތަކަށް އެކަނި ކަމަށެވެ.
އަވަށްޓެރި ގައުމުތަކަށް ހަމަލާ ދިނުމަކީ އީރާނުން ކުރާނޭ ކަމެއް ނޫން ކަމަށާއި، މިހާރު ހަމަލާތައް ދެމުންގެންދާ ތަންތަނަކީ އީރާނަށް އުދުވާނީ ހަމަލާތައް ދެމުންގެންދާ ދުޝްމަނުންނަށް ދެމުންގެންދާ ރައްދު ހަމަލާތަކެއް ކަމަށް، އައްބާސް އަރަޣްޗީ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު