އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށާފައިވާ ޣައިރުގާނޫނީ ހަނގުރާމަ ހުއްޓުވަން، އެމެރިކާގެ އިދިކޮޅު ޑިމޮކްރަޓިކް ޕާޓީން ސެނޭޓަށް ހުށަހެޅި ގަރާރު ބޭރު ކޮށްލައިފިއެވެ.
ގަރާރު ބޭރުކޮށްލަން 53 މެމްބަރުން ވޯޓު ދިންއިރު، ގަރާރާ އެއްކޮޅަށް ވޯޓުދިނީ 47 މެމްބަރުންނެވެ.
މިއީ، ޓްރަމްޕް ހުއްޓުވަން ސެނޭޓަށް ހުށަހެޅި ގަރާރު ބޭރުކޮށްލި ދެވަނަ ބުރެވެ.
ހަނގުރާމަ ހުއްޓުވަން ހުށަހެޅި ދެވަނަ ގަރާރުވެސް ސެނޭޓުން ބޭރުކޮށްލުމަކީ، ހަނގުރާމަ އިތުރަށް ފުޅާކުރަން ޓްރަމްޕަށް ލިބިގެންދާނެ ބާރެކެވެ. މިހާރުވެސް ޓްރަމްޕް ރާވާފައިވާ ގޮތަށް ކުރިއަށް ދިއުމަށް ދިން އިރުޝާދެކެވެ.
ވޯޓަށްފަހު، ރިޕަބްލިކަން ބައެއް ސެނެޓަރުންވަނީ “ކުރިއަށް ވަޑައިގަތުމަށް” ރައީސް ޑޮނަލްޑް ޓްރަމްޕަށް ގޮވާލައި ސޯޝަލް މީޑިއާ ޕޯސްޓްތައްވެސް ކޮށްފައެވެ.
ޓްރަމްޕް އީރާނަށް ހަމަލާ ދޭންފެށީ ކޮންގްރެސްގެ ހުއްދަނެތި ކަމަށާއި، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް އޭގެ ލޮޅުން އަރައި އަދި އެމެރިކާ ސިފައިންގެ ފުރާނަތައް ގެއްލޭނޭ ކަމަށް ބުނެ، ޓްރަމްޕާއި އަދި ހަނގުރާމަ ހުއްޓުވަން ފުރަތަމަ ހުށަހެޅި ގަރާރުވެސް ސެނޭޓުން ބޭރުކޮށްލާފައި ވެއެވެ.
ސެނޭޓްގައި 100 ގޮނޑި ހިމެނޭއިރު، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވަނީ 53 ގޮނޑިއެވެ. އިދިކޮޅު ޑިމޮކްރޭޓުން 45 ގޮނޑި ތަމްސީލު ކުރާއިރު އަނެއް 2 ގޮނޑިއަކީ މިނިވަން ދެގޮނޑިއެވެ.
ކިޔުންތެރިންގެ ހިޔާލު