އީރާނުން އަނެއްކާވެސް އައު ބުރެއްގެ މިސައިލް ހަމަލާތަކެއް އިސްރާއީލަށް ފޮނުވާލައިފިއެވެ.
މިއީ، ވޭތުވެދިޔަ ދެ ގަޑިއިރުގެ ތެރޭގައި އީރާނުން އިސްރާއީލަށް މިސައިލް ހަމަލާތައް ފޮނުވާލާ ދެވަނަ ބުރެވެ.
މިސައިލްތައް އުދުއްސާލުމާއެކު އިސްރާއީލުގެ އެކި ހިސާބުތަކުން ނުރައްކަލުގެ ޑަނޑޫރާ ޖަހަން ފަށާފައި ވެއެވެ.
ރެއާއި މިއަދު ހެނދުނުން ފެށިގެން އީރާނުން ގެންދަނީ ހުއްޓާނުލާ އިސްރާއީލުގެ ރަށްތަކަށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ.
އީރާނުގެ ހަމަލާތަކާހެދި އިސްރާއީލުގެ ދެމިލިއަނެއްހާ މީހުންނަށް މިއަދު ބިންގަރާސްތަކުންވެސް ނުކުމެލާނެ ވަގުތު ނުވާ ކަމަށް، އިސްރާއީލުގެ މީޑިއާއިން ބުނެއެވެ.
އީރާނުގެ ހަމަލާތައް އެންމެ ވަރުގަދައަށް އަމާޒުކުރަމުން ގެންދަނީ ތެލް އަވީވަށެވެ. މީގެއިތުރުން، ހައިފާއާއި، ހިފާފައިވާ ގުދުސްއަށާއި، ޑިމޯނާ އަދި އަރަދަށްވެސް ހަމަލާތައް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ މިސައިލްތައް ހުއްޓުވަން އިސްރާއީލުގެ އަޔަން ޑޯމުން މަސައްކަތް ކުރަމުންދާއިރު، އަޔަން ޑޯމުން ފޮނުވާލާ ކުދި މިސައިލްތަކުން ރެކިގެން އީރާނުގެ މިސައިލްތައް ސީދާ އޭގެ އަމާޒަށް ހަމަލާތައް އަމާޒުވަމުންދާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.
އީރާނުގެ ހަމަލާތައް އަމާޒުވެ އިސްރާއީލުގެ އެކި ހިސާބުތަކުގައި ބޮޑެތި އަލިފާންގަނޑުތައް ރޯވެ، އަދި އެތައް އިމާރާތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް ދަނީ އާންމުވަމުންނެވެ. ހަމަލާތަކުގައި ބައެއް އުސް އިމާރާތްތައް އެއްކޮށްވަނީ ހަލާކުވެފައެވެ.
އަދި މަގުތަކުގައި ހުރި އެތަކެއް ވެހިކަލްތަކުގައި ރޯވެ ވަނީ އަނދާފައެވެ.
ތެލް އަވީވަށް ހަމަލާ ދިނުމަށް އީރާނުންވަނީ ކްލަސްޓަރ މިސައިލެއްވެސް ބޭނުންކޮށްފައެވެ.
އިސްރާއީލު ސިފައިންގެ ވެރިން ބުނަނީ، އިސްރާއީލަށް ހަމަލާ ދިނުމަށް އީރާނުން މިއަދު އައު ބާވަތެއްގެ މިސައިލެއް ބޭނުންކުރި ކަމަށެވެ. އެ މިސައިލަކީ 3 ނުވަތަ 4 ވޯރހެޑް އުފުލާ މިސައިލެއް ކަމަށާއި، އެއިން ކޮންމެ ވޯރހެޑެއްގެ ބަރުދަނީ 100 ކިލޯ ކަމަށެވެ. އެކަމާހެދި ހަމަލާ އަމާޒުވި ސަރަހައްދަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމަށް ބުނެފައި ވެއެވެ.
އީރާނުން ރުޅިވެރިކަމާއެކު މުޅި އިސްރާއީލަށް ވަރުގަދަ ހަމަލާތަކެއް ދެމުން މިގެންދަނީ، އެމެރިކާއާއި އިސްރާއީލު ސިފައިން ގުޅިގެން އީރާނުގެ ދެ ސިޓީއެއްގެ ކަރަންޓާއި ހަކަތައިގެ ފިސިލިޓީތަކަށް ރޭގައި ބޮންއެޅުމާ ގުޅިގެންނެވެ.
ދުނިޔޭގެ ހަމްދަރުދީ ހޯދުމުގެ އުކުޅެއްގެގޮތުން، އިސްރާއީލުގެ ސަރުކާރުން އަންގައިގެން އިސްރާއީލުގެ ބައެއް ޓީވީތަކާއި، ހުޅަނގުގެ މީޑިއާއިން މިހާރު ގެންދަނީ އީރާނުގެ ހަމަލާތަކުގައި އިސްރާއީލަށް ލިބޭ ބައެއް ގެއްލުންތައް ދުނިޔެއަށް ދައްކަމުންނެވެ.
ނަމަވެސް، ސަލާމަތީ ބާރުތަކުގެ ތަންތަނަށް ލިބޭ އެއްވެސް ގެއްލުމެއް، މަރުވާ ސިފައިންގެ އެއްވެސް ތަފްސީލެއް ހާމަނުކުރަން އަންގާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު