1447 ވަނަ އަހަރުގެ ހައްޖުގައި ދިވެހި ހައްޖާޖީން ތިބުމަށް ހަމަޖެހިފައިވާ މިނާ ޓެންޓުތަކުގައި 60 ފާހާނާ ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރިޔަށްގެންދާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖުކޯޕްރޭޝަނުގެ އެކްސް ޕޯސްޓުގައި މިއަދު ހިއްސާކުރި ވީޑިއޯއެއްގައި އެ ކޯޕްރޭޝަނުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ޝަރީފް ވިދާޅުވީ އެއް އަހަރުން އަނެއް އަހަރަށް ދިވެހި ހައްޖުވެރިންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
“އެގޮތުގެ މަތީން މިދިޔަ އަހަރާއި މި އަހަރުގެ އިންތިޒާމުތައް މުޅިން ތަފާތު ގޮތްތަކަކަށް ފެނިގެންދާނެ. އޭގެތެރޭގައި ޓެންޓުތައް ތައްޔާރުވަމުންދާއިރު، މިތަނުގައި ކެއުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ބަދިގެއެއްވެސް ދަނީ ތައްޔާރުކުރެވެމުން. ހަމަ އެޔާއެކުގައި މިދިޔަ އަހަރަށްވުރެ ފާހާނާބަރި އިތުރުވެގެންދާނެ. މިތަނުގައި ގާތްގަނޑަކަށް 60 ފާހާނާ މިވަނީ ތައްޔާރުކުރެވިފައި. އޭގެ ތެރޭގައި އަންހެނުން ފިރިހެނުންގެ ފާހާނާތައް މިވަނީ ތައްޔާރުކުރެވިފައި. އެހެންވީމަ ފާހާނާގެ އަދަދު އިތުރުވެފައި. އެހެނިހެން ޓެންޓުތަކުގައި ހުންނަ ފާހާނާތަކަށް ދިވެހީންގެ ފާހާނާތަކުގެ އަދަދު މިދަނީ އިތުރުވަމުން.” ޝަރީފް ވިދާޅުވިއެވެ.
އާންުމުގޮތެއްގައި އެހެން ޓެންޓުތަކުގައި 1000 ހާޖީންނަށް ހުންނަނީ ހަ ފާހާނާ އެވެ. ދިވެހިންނަށް ހާއްސަކޮށްފައިވާ ފާހާނާތަކަކީ އެތަނަށް އެއްވެސް ބޭރުބަޔަކަށް ބޭނުން ނުކުރެވޭނެ ތަންތަނެވެ.
“1000 ހާޖީންނަށް، ދިވެހިންނަށް ހާއްސަ ޓެންޓުތަކެއް. މިތަނަކަށް އެއްވެސް ބޭރުބައެއް ނުވަންނާނެ. އަނެއްކާ ފާހާނާތައްވެސް ދިވެހިންނަށް ހާއްސަ ކުރެވިފައި. އެންމެ ބޮޑަށް މިނާގައި ތިބޭއިރު އުފުލަން މިޖެހެނީ ފާހާނާގެ ތަކުލީފުތައް. ދެން ކެއުން ބުނިމުގެ ތަކުލީފުތައް.” ޝަރީފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދިވެހިންނަށް ހާއްސަ ޓެންޓުތަކުގައި ހުންނާނީ ޖިޕްސަންބޯޑުޖަހައި ވަރަށް ރީތިކޮށްފައި ކަމަށެވެ.
“އެޔާއެކުގައި ޓެންޓުތަކުގެ މަތި، އަވި ނުލިބޭ، އަލި ލިބޭނެ ގޮތަކަށް، އަބަދުވެސް ފިނި ލިބޭނެ ގޮތަކަށް އެ އިންތިޒާމްތައްވެސް، 24 ގަޑިއިރު އެކި ފިނި ބުއިންތައް، މިދިޔައަހަރާ އަޅައިބަލާއިރު ވުލޫކުރާތަންތަން ގިނަވާނެ. ވަކީން ވުލޫކުރަން ހުންނާނެ ވަކި ތަންތަން ތައްޔާރުކުރެވިފައި، ފާހާނާތަކުގެ އެތެރޭގައި.”
ކިޔުންތެރިންގެ ހިޔާލު