ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޓްރަމްޕް ދިން މުހުލަތު ހަމަވާން ގާތްވަނީ، އީރާނު “ސުންނާފަތިކުރަން” އިސްރާއީލުވެސް ތައްޔާރުވަނީ

އެމެރިކާއާއި އިސްރާއީލުން ބޮންއަޅައި އީރާނުގެ ވެރިރަށް ތެހެރާނުގެ ސަރަހައްދަކަށް ދީފައިވާ ގެއްލުންތައް:

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފައިވާ މުހަލަތު ހަމަވާން ގާތްވަމުންދާއިރު، އެމެރިކާއާ ގުޅިގެން އީރާނުގެ ހަކަތައިގެ ސިނާއަތް އެކަށް ސުންނާފަތިކޮށްލަން އިސްރާއީލުންވެސް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެގޮތުން، އިސްރާއީލުން އީރާނަށް މިހާރު ދެމުންގެންދާ ހަމަލާތައް އިހުނަށްވުރެ ފުޅާކޮށް، އީރާނުގެ ހަކަތައިގެ މުޅި ސިނާއަތް ފުނޑާލެވޭނޭ ފަދަ ވަރުގަދަ ހަމަލާތަކެއް ދިނުމަށް އިސްރާއީލުގެ ސިޔާސީ އަދި އަސްކަރީ ވެރިން ތާއީދު ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއާ ގުޅިގެން އިސްރާއީލުން މިހާރުވެސް ގެންދަނީ އީރާނުގެ ވެރިރަށް ތެހެރާނަށާއި، އީރާނުގެ އެހެން ރަށްތަކަށްވެސް ވަރުގަދަ އުދުވާނީ ހަމަލާތައް ދެމުންނެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ބޮންއެޅުމުގައި އާންމުތަނެއް، ސްކޫލެއް، ހޮސްޕިޓަލަކަށްވެސް ނުބަލައެވެ.

ދުޝްމަނުންގެ އުދުވާނީ ހަމަލާތަކުގެ ވަރުގަދަކަމުން އީރާނުގެ މުޅި ވެރިރަށަށް ރޭގައި ގުޑުންތަކާއި ލޮޅުންތައް އަރައިގެންދިޔަ ކަމަށް އީރާނުގެ މީޑިއާއިން ބުނެއެވެ. ހަމަލާތަކުގައި އާންމުން ދިރިއުޅޭ އެތައް އިމާރާތެއް ބިމާހަމަ ކޮށްލާފައިވާ ކަމަށްވެސް ބުނެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ފުރަތަމަ ހަމަލާ ދޭންފެށީ، އީރާނުން ނިއުކްލިއަރ ހަތިޔާރު އުފައްދަން އުޅޭ ކަމަށް ބުނެއެވެ.

އޭގެފަހުން ބުނީ، ހަމަލާ ދެނީ އީރާނުގެ ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. މިހާރު ބުނަނީ، ހަމަލާ ދެމުންގެންދަނީ ހޮރްމޫޒު ކަނޑުއޮޅި ހުޅުވަން ކަމަށެވެ.

އީރާނަށް އުދުވާނީ ހަމަލާތައް ދިނުމުގައި އެމެރިކާއާއި، އިސްރާއީލުން ގެންގުޅޭނީ މުޅިން ތަފާތު ދެ މަގްސަދެއްކަން މިހާތަނަށް ދެމުންގެންދާ ހަމަލާތަކުން ހާމަވެގެން ގޮސްފައި ވެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރޭގައިވަނީ، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލަން އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފައެވެ. ހޮރްމޫޒް ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް ހަމަލާދީ ހަލާކުކޮށްލާނޭ ކަމަށާއި، ހަމަލާތައް ފަށާނީ އީރާނުގެ އެންމެބޮޑު އިންޖީނުގެއިން ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕް ދިން މުހުލަތު ހަމަވާން 24 ގަޑިއިރަށްވުރެ ކުޑަތަން ވެފައިވާއިރު، އީރާނުން ވަނީ ޓްރަމްޕަށް އެއްވެސް ވަރަކަށް ދޫނުދޭނޭކަމަށް އަންގާފައެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ އިންޖީނުގެތަކަށް ބޮންއަޅައި 90 މިލިއަން ރައްޔިތުން ކަނުއަނދިރިއަށް ލައި، މި ޖަރީމާ ހިންގައިފިނަމަ އެމެރިކާއަށް ވާގިވެރިވާ ގަލްފްގެ ހުރިހާ ގައުމުތައް ކަނުއަނދިރިޔަށް ވައްޓާލާނޭ ކަމަށް އީރާނުންވަނީ އިންޒާރު ކޮށްފައެވެ. އީރާނުން ބުނެފައިވަނީ، އީރާނަށް ހަމަލާ ދިނުމަށް ވާގިވެރިވާ ގައުމުތަކުގެ ހަކަތައިގެ ވިއުގަތަކާއި، ޑިސަލިނޭޝަން ހުރިހާ ފެސިލިޓީތަކެއް ގޮއްވާލާނޭ ކަމަށެވެ.

އީރާނުން މިފަދައިން އިންޒާރު ކުރުމުން އެމެރިކާގެ ރައީސް ޓްރަމްޕް ބުނެފައިވަނީ، އަވަށްޓެރި ގައުމުކުގެ އަސާސީ ޚިދުމަތްތަކަށް އީރާނުން ހަމަލާދިނުމަކީ އެގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް އީރާނުން “ފަނާކުރަނިވި ނުރައްކާތެރި ހަތިޔާރު ބޭނުންކުރުންފަދަ ކަމެއް” ކަމަށެވެ. އީރާނުން އެފަދައިން ކަންކޮށްފިނަމަ އީރާނާ ދެކޮޅަށް އެމެރިކާއިންވެސް އެފަދައިން ކަން ކުރާނޭ ކަމުގެ އިންޒާރު ޓްރަމްޕް ރޭގައިވެސް ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންގިލާބީ ލަޝްކަރުން ބުނަނީ އީރާނުގެ ގާބިލްކަން އެމެރިކާއަށް ނޭނގޭކަމަށް، ވަރުގަދަ ކުރިމަތިލުމަކަށް ޓްރަމްޕް ތައްޔާރުވެއްޖެ

ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން، ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފި

ޑިއެގޯ ގާސިއާއަށް ހަމަލާ ނުދޭކަމަށް އީރާނުން ބުނެފި: އަލްޖަޒީރާ

އީރާނުގެ ނިއުކްލިއަރ ފެސިލިޓީއަށް ދިން ހަމަލާތަކުގެ ރައްދު އިސްރާއީލުގެ ނިއުކްލިއަރ އިންޖީނުގެއަށް