ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަ ޓްރަސްޓު ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން އެދޭ ފަރާތްތަކަށް، ފަސޭހަކަމާއެކު ވެބްސައިޓު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމު ސޯޝަލް އެންޑް ފެމެލީ މިނިސްޓްރީން ހަމަޖައްސަވައިފި އެވެ.
ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު މަޝްރޫއުތަކަށާއި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ޓްރަސްޓް ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށެވެ.
އެ މިނިސްޓްރީގެ މަސައްކަތްތަކާއި ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ މަގްސަދުގައި، އާ ވެބްސައިޓެއް މިހާރު ވަނީ ރަސްމީކޮށް ލޯންޗްކޮށް ބޭނުންކުރަން ފަށާފަ އެވެ. އާ ވެބްސައިޓަކީ އެ މިނިސްޓްރީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކެއްގެ މައުލޫމާތު ފަސޭހަކަމާއެކު ބަލާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ލުއިފަސޭހަ ވެބްސައިޓެއްކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެގޮތުން، ވެބްސައިޓްގައި “އެހީ ވަމާ” ބައިގެ ދަށުން ޓްރަސްޓް ފަންޑަށް މާލީ ވުޒާރާއިން ބަލަހައްޓަމުންދާ “ބަނޑޭރި ޕޭ” ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ޑޮނޭޝަން ނުވަތަ އެހީ ބަލައިގަންނަމުންދާނެކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ވެބްސައިޓް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވިދާނެ މުހިންމު ދާއިރާތައް
• އާއިލާއަކަށް ކާންދިނުން: ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެފައިވާ އާއިލާތަކަށް ރަނގަޅު ކެއުން ފޯރުކޮށްދިނުމަށް އެހީވުން.
• އާއިލާއަކަށް ނުވަތަ ކުއްޖަކަށް އެހީތެރިވުން: ބޭނުންޖެހިފައިވާ އާއިލާތަކާއި ކުދިންގެ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް އެހީތެރިވުން.
• ކުއްޖަކު ސްޕޮންސަރ ކުރުން: ސްޕޮންސަރޝިޕް މެދުވެރިކޮށް ކުއްޖެއްގެ ތަޢުލީމާއި، ޞިއްޙީ ފަރުވާ އަދި އަސާސީ ބޭނުންތައް ފުއްދައިދިނުމުގައި ބައިވެރިވުން.
• ވޮލެންޓިއަރ ނުވަތަ އިންޓާން އަކަށްވުން: އެ މިނިސްޓްރީގެ ޓީމާ ގުޅިގެން މުޖުތަމަޢަށް ސީދާ އަސަރު ފޯރުކޮށްދޭ މަސައްކަތްތަކުގައި ހިލޭސާބަހަށް މަސައްކަތް ކުރުން.
• އާންމު އެހީތެރިކަން: އެކި ބާވަތުގެ އެހީ ބޭނުންވާ އާއިލާތަކަށް އަމިއްލަ ވަގުތާއި ހުނަރު ބޭނުންކޮށްގެން އެހީތެރިކަން ފޯރުކޮށްދިނުން.
ކިޔުންތެރިންގެ ހިޔާލު