ހޮރްމޫޒް ކަނޑުއޮޅި މުޅިން ހުޅުވާލަން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދީފިއެވެ.
އެމެރިކާގެ ރައީސް އޭނާގެ އަމިއްލަ ސޯޝާލް މީޑިއާ ޕްލެޓްފޯމް “ޓުރުތު ސޯޝަލް” ގައި ޕޯސްޓްކުރި މެސެޖެއްގައި ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި މުޅިން ހުޅުވާލަން މިވަގުތުން ފެށިގެން އީރާނަށް 48 ގަޑިއިރުގެ މުހުލަތު ދޭ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި އީރާނުން ކަނޑުއޮޅި ހުޅުވާނުލައިފިނަމަ އީރާނުގެ ހުރިހާ އިންޖީނުގެތަކަށް އެމެރިކާއިން ހަމަލާދީ ހަލާކުކޮށްލާނޭ ކަމަށްވެސް ޓްރަމްޕް އިންޒާރު ކޮށްފައި ވެއެވެ. ހަމަލާތައް ފަށާނީ އީރާނުގެ އެންމެބޮޑު އިންޖީނުގެއިން ކަމަށްވެސް ޓްރަމްޕްގެ މެސެޖްގައި ބުނެފައި ވެއެވެ.
އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭންފެށި އުދުވާނީ ހަމަލާތަކަށް ފަހުގައެވެ.
ހޮރްމޫޒު ކަނޑުއޮޅި ބަންދުކުރި ނަމަވެސް، އެމެރިކާއާއި އިސްރާއީލާއި އަދި އީރާނަށް ހަމަލާދިނުމަށް ވާގިވެރިވާ ގައުމުތަކުގެ ތެޔޮ ޓޭންކަރުތަކާއި، އާގުބޯޓުފަހަރު ފިޔަވައި، އީރާނުން ހުއްދަދޭ އެހެން ގައުމުތަކުގެ އުޅަނދުތަކަށް ހޮރްމޫޒު ކަނޑުއޮޅި މިހާރުވެސް ހުރަސްކުރެވެއެވެ.
ހޮރްމޫޒް ކަނޑުއޮޅި ކުރިން އޮތްގޮތަށް ހުޅުވަން ޓްރަމްޕް އުޅުނީ ބާރުގެ ބޭނުން ކުރުމަށެވެ. ނަމަވެސް، އަސްކަރީގޮތުން އެކަން ނުކުރެވޭނެކަން އެނގޭތީ ޓްރަމްޕް މިހާރު މަސައްކަތް ކުރަނީ އީރާނަށް އެހެން ގޮތަކުން ގެއްލުންދީގެން އީރާނަށް ޕްރެޝަރކޮށްގެން އެ ކަނޑުއޮޅި ހުޅުވޭތޯއެވެ.
ކިޔުންތެރިންގެ ހިޔާލު