ހއ. ހޯރަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާއި ހަވާލުކޮށްފިއެވެ.
މި ދެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ހަސަން ނައުފަލް ނާސިރުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެންބަރު ޢަލީ މޫސާ ބައިވެރިވެވަޑައިގެންނެވިއެވެ.
ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 580މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިޖެހުމާއި 270މީޓަރު ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 1496 މީޓަރު ސަރަހައްދެއްގައި ބައޮސްވޭލް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 199.6 މިލިޔަން ރުފިޔާއަށް 330 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހޯރަފުށީ މަގުހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެސް އެމްޓީސީސީއެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ 44.1 މިލިޔަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ހޯރަފުށީ މަގު ހެދުމުގެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާއިރު އެރަށު މަގު ހެދުމުގެ ފުރަަތަމަ އަދި ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ކުރަމުންދަނީ އެމްޓީސީސީއެވެ.
ކިޔުންތެރިންގެ ހިޔާލު