ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދިޔަ ޒުވާނެއް ކަމަށްވާ ޢަބްދުލް މުޢިއްޒު ޙަސަން މިއަދު އަވަހާރަވެއްޖެއެވެ.
އުމުރުން 37 އަހަރުގެ މުޢިއްޒު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު، މިއަދު ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
އަވަހާރަވިއިރު މަސައްކަތްކުރައްވަމުން ގެންދެވީ އެޗްޑީސީ ގައެވެ. އޭނާ މަސައްކަތް ކުރެއްވީ އެ ކުންފުނީގެ ކޮންޓްރެކްޓް މެނޭޖުމަންޓް ޑިޕާޓްމަންޓުގައެވެ. އޭނާއަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބުގެ ރައީސްވެސްމެއެވެ.
ތެލަސީމިއާ މީހެއްގެ ހައިސިއްޔަތުން މުޢިއްޒު ވަނީ އެ ބަލި ތަޙައްމަލުކުރާ އެހެން މީހުންނާއި ކުދިންގެ ޙައްޤުގައި އަޑުއުފުއްލަވައި، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މުޢިއްޒު އަވަހާރަވުމުގެ ހިތާމައިގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާގެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މުޢިއްޒު މުޖުތަމަޢަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދިވަޑައިގެންފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު