އެމެރިކާއާއި އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށާއި، އެހެން ރަށްތަކަށް ކެނޑިނޭޅި ބޮންއަޅަމުންދިޔަ ނަމަވެސް، އީރާނުގެ ކަންކަން އާންމު އުސޫލުން ހިނގަމުންދާ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް ވިދާޅުވީ، ހަނގުރާމައިގެ ތެރޭގައި ގައުމު އޮތް ނަމަވެސް، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވެނީ ސަރުކާރު މުވައްޒަފުންގެ ހިތްވަރުގަދަ މަސައްކަތުން ކަމަށެވެ.
ސޯޝަލް މީޑިއާގައި ޝާއިއު ކުރެއްވި ޕޯސްޓެއްގައި އީރާނުގެ ރައީސް ވިދާޅުވީ، އީރާނާ ދެކޮޅަށް ހައްގަކާނުލައި ބޭއިންސާފު ހަނގުރާމައެއް ކުރާރާ މިއަދަށް 15 ދުވަސްވީ ކަމަށާއި، އެ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރާއި، މުއާސަލާތާއި އެހެން ޚިދުމަތްތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ސީރިއަސް ހުރަސްތަކެއް ކުރިމަތި ވެފައި ނުވާ ކަމަށެވެ.
އެކަމަށްޓަކައި އީރާނުގެ ރައީސް ވަނީ، ސަރުކާރުގެ ތެރޭގައި ޚިދުމަތުގައި ތިބި އެންމެނަށް ޝުކުރު އަދާކުރައްވާފައެވެ.
ސަރުކާރާއި އަދި އީރާނުގެ ރައްޔިތުންގެ މަސައްކަތުން އީރާނަށް ކުރިމަތިވެފައިވާ މި ހާލަތުން އަރައިގަންނާނެ ކަމަށާއި، ދުޝްމަނުން ހަމަލާދީ ހަލާކުކޮށްލި ހުރިހާ ކަމެއް ކުރިއަށްވުރެންވެސް ފުރިހަމަކޮށް އީރާނުން އަލުން ބިނާކުރާނޭ ކަމަށްވެސް، އީރާނުގެ ރައީސް ވިދާޅުވިއެވެ.
އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމަމަތީ ޖެޓުތަކާއި، ބޮންއަޅާ ބޯޓުތަކުން ގެންދަނީ، މެދުކެނޑުމެއްނެތި އީރާނުގެ ވެރިރަށަށާއި، އެހެން ރަށްތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުންނެވެ.
މިއަދު ހަމަލާތައް އަމާޒުކުރި އެއް ރަށަކީ އީރާނު މެދުތެރޭގެ ސިނާއީ މަސައްކަތްތަކުގެ ސިޓީއެއް ކަމަށްވާ އިސްފަހާނަށެވެ. އިސްފަހާރަށް ދިން ހަމަލާތަކުގައި އެކަނިވެސް 15 މީހުން މަރުވެ، އިތުރު އެތައް ބަޔަކު ޒަޚަމްވި ކަމަށް އީރާނު މީޑިއާއިން ބުނެފައި ވެއެވެ.
އީރާނުގެ ސިނާއީ ހުރިހާ ތަނެއް ހަލާކުކޮށްލާނޭ ކަމުގެ އިންޒާރު ދެމުން އެމެރިކާއާއި، އިސްރާއީލުން މިހާރު ހަމަލާތަކުގެ އަމާޒަކަށް ހަދަމުން ގެންދަނީ އީރާނުގެ ސިނާއީ މުހިންމު ތަންތަނެވެ. އޭގެ ތެރޭގައި އީރާނުގެ ތެލުގެ ސިނާއަތާ ގުޅޭ ހުރިހާ ތަންތަނެއްވެސް ހިމެނެއެވެ.
އެކަމަކު، އީރާނުން މިހާރު ދަނީ ވަރުގަދަ އިންޒާރުތަކެއް ދިނުމަށްފަހު، މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާ އަދި އިސްރާއީލުގެ ވިޔަފާރިތަކާއި، ސިނާއީ މަސައްކަތްތަކުގެ ހުރިހާ ތަންތަނަކަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންނެވެ.
އަދި އެކަމުގެ އިންޒާރު ސަރަހައްދުގެ ގައުމުތަކަށްވެސް އީރާނުން މިހާރު ދަނީ ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު