ގަލްފްގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އަސްކަރީ ތަންތަނަށް އީރާނުން ދެމުންގެންދާ ރައްދު ހަމަލާތައް އިހުނަށްވުރެ އިތުރު ކޮށްފިއެވެ.
އީރާނުން ހަމަލާތައް އިތުރު މިކުރީ، ދުޝްމަނުންގެ ތަންތަނަށް ދެމުންގެންދާ ހަމަލާތަކުގެ މުޅިން އައު ފިޔަވައްސެއް ފެށުނީކަން އިއުލާން ކުރުމަށް ފަހުއެވެ.
އީރާނުން ބުރާސްފަތި ދުވަހުގެރޭ އެންމެ ވަރުގަދަ ހަމަލާތައް ފޮނުވާލާފައިވަނީ ސައުދީ އަރަބިއްޔާގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި، އެމެރިކާގެ އަސްކަރިއްޔާއާ ގުޅުންހުރި ތަންތަނަށެވެ.
އީރާނުން ހަމަލާތައް ދީފައިވަނީ ޑްރޯންއާއި ބެލިސްޓިކް މިސައިލް ފޮނުވާލައިގެންނެވެ. އީރާނުން ފޮނުވާލި 28 ވަރަކަށް ޑްރޯން ވައްޓާލެވުނު ކަމަށް ސައުދީ ޑިފެންސް މިނިސްޓްރީން ބުނެފައި ވާއިރު، ދެން އެންމެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައިވަނީ ބަހްރެއިނަށެވެ.
ބަހްރެއިނަށް ދިން ހަމަލާތަކުގައި، ތެޔޮ ރައްކާކޮށްފައި ހުރި ޓޭންކްތަކެއް އީރާނުން ގޮއްވާލާފައި ވެއެވެ.
އަދި ގަތަރާއި، ކުވައިތާއި ޔޫއޭއީގައި ހުރި ދުޝްމަނުންގެ ތަންތަނަށްވެސް އީރާނުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައި ވެއެވެ.
މީގެއިތުރުން، އީރާނުން ބުރާސްފަތި ދުވަހުގެރޭ ވަނީ އިސްރާއީލުގެ ތެލް އަވީވަށާއި، އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކަށްވެސް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
އީރާނުން ހަމަލާދޭން ފެށުމުން މުޅި އިސްރާއީލުން ނުރައްކަލުގެ ޑަނޑޫރާ ޖަހަމުން ދިޔައިރު، އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، މިސައިލްތަކާއި، ޑްރޯންތައް ވައްޓާލަން އެއަރ ޑިފެންސް ސިސްޓަމްތައް ހަރަކާތްތެރި ވަމުންދާ ކަމަށެވެ.
އެއަރ ޑިފެންސް ސިސްޓަމްތައް ހަރަކާތްތެރި ވިޔަސް، އީރާނުން ދިން ހަމަލާތަކުގައި މެޑިޓަރޭނިއަން ކަނޑަށް ވާގޮތަށް ހަދާފައިވާ އިސްރާއީލުގެ ދެ ގޭސް ދަނޑު ވަނީ ގޮއްވާލާފައެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްގެ ވައިގެ ސިފައިންގެ ކޮމާންޑަރ ޖެނެރަލް މާޖިދް މައުސަވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނުން ގޮއްވާލާފައިވަނީ އިސްރާއީލުގެ ލެވިއެތަން އަދި ކަރިޝް ގޭސްދަނޑުތައް ކަމަށެވެ.
އީރާނުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެތައް ހިސާބެއްގައި ބޮޑެތި އަލިފާންގަނޑުގަނޑުތައް ރޯވެ އަނދަމުންދާ މަންޒަރު ފެންނަ ވީޑިއޯތައް ދައުރުވާން ފަށާފައި ވެއެވެ. ވީޑިއޯތައް ދައުރުކުރުން އިސްރާއީލަކަށް މިހާރު ނުހުއްޓުވެއެވެ.
ދުޝްމަނުން އީރާނަށް ހަމަލާދީ ހަދާ ގޯސްތަކުގެ މައްޗަށް ބިނާކޮށް، އީރާނުން ރައްދު ހަމަލާދޭ އިސްރާއީލުގެ ތަންތަނާއި، އެމެރިކާގެ ތަންތަން އިތުރުވަމުންދާނޭ ކަމަށްވެސް ޖެނެރަލް މައުސަވީ އިންޒާރު ކުރައްވާފައި ވެއެވެ.
އީރާނުން އިސްރާއީލަށް ދެމުންގެންދާ ވަރުގަދަ ރައްދު ހަމަލާތަކާއި، ސަރަހައްދުގައި ހުރި އެމެރިކާގެ ބޭސްތަކަށާއި، އަސްކަރީންނާ ގުޅުންހުރި ތަންތަނަށް ދެމުންގެންދާ ހަމަލާތަކާއި، އަދި އެމެރިކާ ސިފައިން އީރާނަށް ބޮންއަޅަން ބޭނުންކުރާ ޖެޓްތަކަށް ވައިގެތެރޭގައި ތެޔޮއަޅާ މަތިންދާ ބޯޓެއް ވައްޓާލުމާއި، އެމެރިކާ ކަނޑުގެ ލަޝްކަރަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން، ބުރާސްފަތި ދުވަހުގެ ރެއަކީ އީރާނުން ބޮޑެތި ކާމިޔާބީތައް ހޯދާފައިވާ ރެއެއް ކަމަށް، މަސްރަހް ގާތުން ދިރާސާކުރަމުންދާ ފަރާތްތަކުން ބުނެއެވެ.
އިސްލާމިކް ރިވޮލިއުޝަނަރީ ގާޑުން ބުނެފައިވަނީ، އެމީހުންގެ ހަމަލާތަކުގައި ސަރަހައްދުގައި ގާއިމްކޮށްފައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކާއި، އެއަރބޭސްތަކާއި އަދި ކަނޑުގެ ސިފައިންގެ ބޭސްތަކުގެ ހަތްދިޔަ އިންސައްތަ މިހާރު އެކަށް ހަލާކުކޮށްލެވިއްޖެ ކަމަށެވެ.
އީރާނަށް ބޮންއަޅަން ސަރަހައްދުގެ ގައުމުތަކުގައި ހުރި ބޭސްތައް ބޭނުން ކުރާހާހިނދަކު، އީރާނުން ރައްދު ހަމަލާތައް ދިނުން ހުއްޓާނުލާނޭ ކަމަށް އައިއާރްޖީސީންނާއި، އީރާނުގެ ވެރިން ތަކުރާރުކޮށް ގެންދަވަނީ ވިދާޅުވަމުންނެވެ.
ސަރަހައްދުގެ ގައުމުތަކަށް އީރާނުން ހަމަލާދިނުން ހުއްޓުވާލަން ބޭނުންނަމަ، އެ ގައުމުތަކުގައި ހުރި އެމެރިކާގެ ބޭސްތައް އީރާނަށް ހަމަލާދޭން ބޭނުންކުރުން ހުއްޓުވައި، އަދި އެގައުމުތަކުން އެމެރިކާ ސިފައިންވެސް ބޭރުކުރުމަށް އީރާނުން ގެންދަނީ ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު