ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އޮތީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް އެކަނިކަން އެމަނިކުފާނު ހާމަކުރައްވައިފިއެވެ.
ހުޅުމާލެ ދެކުނު ދާއިރާއަށް އިދިކޮޅު އެމްޑީޕީން ވާދަކުރައްވާ އަހްމަދު ޣާލިބަށް ރައީސް މުއިއްޒު ތާއީދުކުރައްވާ ކަމަށް އަޑުތަކެއް ވަނީ ފެތުރިފައެވެ.
ނަމަވެސް ހުޅުމާލޭ ދެކުނަށް ޕީއެންސީން ވާދަކުރައްވާ އަހްމަދު އުބަައިދުއާއެކު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ރައީސް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފައެވެ.
“ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގައި. ހާއްސަކޮށް މި ދާއިރާގައި އަޅުގަނޑަށް ހަބަރުތަކެއް ލިބެނީ އެމްޑީޕީން ނިކުމެ ހުރި ކެންޑިޑޭޓު ބުނާ ކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެ ބޭފުޅާއަށް ކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް. އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި،” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިނިވަންކޮން ހުރި ބޭފުޅަކަށް ވިޔަސް، އެމްޑީޕީގެ ޓިކެޓުގައި ހުރި ބޭފުޅަކަށް ވިޔަސް، އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އެމަނިކުފާނުގެ ތާއީދު ނޯންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލު ކުރައްވާ ބޭފުޅެއް ކަމަށާއި ބޭނުންފުޅުވަނީ ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުވުމަށް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު