އދ. ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ ރަށަށް އަންނަމުންދާ އުމްރާނީ ތަރައްގީއާއެކު ދިގުރަށުގެ ކަރަންޓު ވިއުގަ އިތުރަށް ފުޅާކޮށް، ވަރުގަދަކުރުމަށްޓަކައި ކުރިއަށްގެންދާ “ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ” މަސައްކަތުގެ ތެރެއިން، އަލަށް ގާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭވީއޭގެ އަޕްސްޓްރީމް ކެޕޭސިޓީ ގާއިމުކުރުމާއެކު، ރަށުގައި އާ ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް މިހާރު ކުރިއަށްގެންގޮސްފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯގެ އަމާޒަކީ ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުމެވެ. މި ވިއުގައަށް ގެނެވޭ ބަދަލާއެކު ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ފާހަގަކުރެއެވެ. މިއީ ރަށުގެ ކުރިމަގަށް ބަލައި، ކަރަންޓުގެ ދަތިކަން ހައްލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ގާތްގަނޑަކަށް 600 މީހުންގެ އާބަދީއެއް އޮންނަ ދިގުރަށަކީ ގުދުރަތީ ރީތިކަން ލިބިފައިވާ، އަދި ރަށު ފަތުރުވެރިކަން ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް 14 ވަރަކަށް ގެސްޓްހައުސް ހިންގަމުން އަންނައިރު، ކަރަންޓުގެ ރައްކާތެރިކަން އިތުރުކުރެވުމަކީ ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ކިޔުންތެރިންގެ ހިޔާލު