ރާއްޖޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް އެ ރަށްތަކާ ރޭ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އެމްބިއުލާންސްތައް ހަވާލުކުރުމަށް ސިއްހީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، އެ ރަށްތަކަށް ބޭނުންވާ އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓެނަންސް މެނުއަލްތައް ވަނީ ހަވާލުކޮށްފައެވެ.
މި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ގާސިމް ދެއްކެވި ވާހަކާގައި ވިދާޅުވީ، މި ސަރުކާރުން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ތަރައްގީކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން 135 ރަށެއްގައި ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންވާ އިމާރާތްތައް ބިނާކުރަމުންދާ ކަމަށާއި، މީގެ ތެރެއިން 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއްކަން ގާސިމް ފާހަގަކުރެއްވިއެވެ.

އަތޮޅުތެރޭގެ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރުން ހަވާލުވިއިރު 3000 މުވައްޒަފުންގެ މަދުކަމެއް އޮތް ނަމަވެސް، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ނަގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 600 އެއްހައި މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ 170 މިލިއަން ރުފިޔާއަށްވުރެ ބޮޑު އިންވެސްޓްމަންޓެއް ކަމަށް އޭނާ ވިދާޅުވިއެވެ.
“މިހާތަނަށް ސަރުކާރު ފެށިގެން އައިތަނަށް އެންމެ ބޮޑަށް އެންބިއުލާންސް ބޭނުންވެފައިވާ ރަށްރަށުގެ ތެރެއިން 56 ރަށަކަށް އެންބިއުލާންސް ވަނީ ފޯރުކޮށްދީފައި. އަދި އިތުރު 14 ރަށަކަށް އެންބިއުލާންސް މި ހަވާލުކުރެވުނީ. އަދި އިތުރު ރަށްރަށައް އެންބިއުލާންސް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން،” އެމްބިއުލާންސްތަކުގެ ޚިދުމަތާ ގުޅޭގޮތުން ސްޓޭޓް މިނިސްޓަރު ވިދާޅުވެފަވެއެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، އެމްބިއުލާންސްތަކާއި ސިއްހީ ދާއިރާގެ އެހެނިހެން ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމަށްޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެދު (އެމްޕީއެލް) އާއެކު ފަހުމުނާމާއެއްގައި ވަނީ ސޮއިކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު