ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މާލޭގެ ރައްޔިތުންނަށް ދޫކުރާ އާ ދެ ޕްރޮގްރާމެއްގެ ގޯތި ދޭ އުސޫލު އާންމުކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުވާލާ އާ ދެ މަޝްރޫއަކުން ގޯތި ދޫކުރާނެ އުސޫލު ހައުސިން މިނިސްޓްރީން މިއަދު ގެޒެޓުގައި އާންމުކޮށްފިއެވެ.

ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އެ ދެ ޕްރޮގްރާމަކީ “ބިންވެރިޔާ” ސްކީމާއި “ގޯތި-ގެދޮރު” ޕްރޮގްރާމެވެ. މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އިއުލާން ކުރެއްވި ބޯހިޔާވަހިކަމުގެ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކެކެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އެ ދެ ޕްރޮގްރާމަކީވެސް މާލޭގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ފަރުމާކޮށްފައިވާ ސްކީމްތަކެއް ކަމަށެވެ.

އޭގެ ތެރެއިން “ގޯތި-ގެދޮރު” ޕްރޮގްރާމަކީ މީގެ ކުރިން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުތަކުގައި، އަނބިމީހާ ނުވަތަ ފިރިމީހާގެ ނަމުގައި މާލެ ސަރަހައްދުން ބޯހިޔާވަހިކަމެއް އޮތުމުގެ ސަބަބުން ކުރިމަތިނުލެވުނު ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ފުރުސަތެއްކަމަށް މުއްތަލިބު ވިދާޅުވިއެވެ.

އަދި “ބިންވެރިޔާ” ހާއްސަ ސްކީމަކީ ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމްގައި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުން، އެ ގޯތި ދޫކޮށްލަން އެއްބަސްވާ ނަމަ، އެމީހުންނަށް ވަކިވަކިން ގޯތި ދޫކުރުމަށް ހުޅުވާލާ ސްކީމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރީގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ކުރިން ކުރިމަތި ނުލެވުނު މީހުންނަށްވެސް މި އާ ޕްރޮގްރާމްގެ ދަށުން ގޯއްޗަށް ކުރިމަތިލެވޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީގެކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، މި ކޮންމެ ޕްރޮގްރާމެއްގެ ދަށުން 1,000 ގޯތި ދޫކުރުމަށް ވަނީ ހަމެޖެހިފައެވެ.

މިއީ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ “އާއިލީ ބޯހިޔާވަހިކަން” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތަކެވެ. މި ފިޔަވަހީގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލެއިން ޖުމްލަ 15,000 ގޯއްޗާއި، ހުޅުމާލެ އަދި ވިލިމާލެއިން ތިން ކޮޓަރީގެ 7,900 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި “ގޯތި-ގެދޮރު” ޕްރޮގްރާމަށް ފޯމު ހުށަހެޅޭނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި “ބިންވެރިޔާ” ހާއްސަ ސްކީމަށް ފޯމު ހުށަހެޅޭނީ މި މަހުގެ 24 އިން ފެށިގެން އަންނަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ދެ ޕްރޮގްރާމަށްވެސް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

ނުކުޅެދުންތެރިކަން ހުންނަ މީހުން ފްލެޓަށް ފޯމު ހުށަހަޅަން ވަކި ކެޓަގަރީއެއް ކަނޑައަޅައިފި

ދެމަފިރިންގެ ބޯހިޔާވަހިކަން އޮތް ނަމަވެސް ގޯއްޗަށް އެދެވޭ ގޮތަށް އުސޫލު ބަދަލުކޮށް ފުރުސަތު ހުޅުވާލައިފި

dr muthalib

އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ހިންގަނީ އަލަށް ގެ ގަންނަން ބޭނުންވާ ފަރާތްތަކަށް އެމަގު ފަހިކޮށްދިނުމަށް

Main 20250722

ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި