އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ ފަށައިފި ކަން ޕާކިސްތާނުން ރަސްމީކޮށް އިއުލާން ކޮށްފިއެވެ.
ޕާކިސްތާނާއި އަފްގާނިސްތާނާ ދެމެދު ހަމަލާ ބަދަލުކުރުން އިތުރުވެ އެންމެ ފަހުން ޕާކިސްތާނުން މިވަނީ އެގައުމުން ހަނގުރާމައެއް ފަށާފާއިވާ ކަމަށް އަންގައިފައެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހުވަޖާ މުހައްމަދު އާސިފް އިއްޔެ ވަނީ އެގައުމުން ކާބުލް އަށް ވަރުގަދަ ހަމަލާތަކެއް ވައިގެ މަގުން ދިނުމަށްފަހު އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރައްވައިފައެވެ.
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ހުވަޖާ މުހައްމަދު އާސިފް ވަނީ ކެތްތެރިކަން ކޮޅުންލައިގެން ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.
ޕާކިސްތާނުން އަފްގާނިސްތާނަށް ވަރުގަދަ ހަމަލާއެއް ދީފައިވަނީ އަފްގާނިސްތާނުގެ ތާލިބާނުން ޕާކިސްތާނަށް ހަމަލާދޭން ފަށައި އެކަން އިއުލާންވެސް ކޮށްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން އަފްގާނިސްތާނުގެ ތާލިބާނުން ވަނީ ދެގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ ޗެކްޕޮއިންޓް ތަކަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ދެގައުމުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސް ވި ނަމަވެސް ދެގައުމުން ވެސް ވަނީ ކުދި ހަމަލާތަކެއް މަދުމަދުން ދީފައެވެ.
ތާލިބާނުން ވަނީ އެގައުމުން ހައްސަ އޮޕަރޭޝަނެއް ފަށައި މިހާތަނަށް ޕާކިސްތާނުގެ 19 ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށާއި 55 ސިފައިން މަރާލާފައިވާކަން އިއުލާންކޮށްފައެވެ.
ޕާކިސްތާނުންވެސް ވަނީ މިހާތަނަށް އަފްގާނިސްތާނުގެ 22 ތަނަކަށް ހަމަލާދީ 200 އަށްވުރެ ގިނަ ތާލިބާނު ހަނގުރާމަވެރިން މަރާލިކަން ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު