ބ. ދަރަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށްގެންދަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް ސަރުކާރުގެ މަތީ ފަންތީގެ ވަޒީރުން ދޮގުކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު މިރޭ ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދަރަވަންދޫގެ ބިން ހިއްކަން ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ފަތުރަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ.
މިނިސްޓަރު މުއްތަލިބު އިތުރަށް ތަފްސީލު ދެއްވަމުން ވިދާޅުވީ، ދަރަވަންދޫ ފަޅުން ބައެއް ހިއްކުމުގެ ޕްލޭނެއްގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އެ ރަށުގެ ބިން ހިއްކުމުގެ އެއްވެސް މަޝްރޫއެއް ކުރިއަށްގެންދަން ނިންމާފައިނުވާ ކަމަށް އެމަނިކުފާނު ސާފުކޮށްދެއްވިއެވެ.
މީގެ އިތުރުން، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީން ވެސް ވަނީ މި ވާހަކަތައް ދޮގުކުރައްވާފައެވެ. އަމީން ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ދަރަވަންދޫ އެއާޕޯޓް އިތުރަށް ތަރައްގީކޮށް ފެންވަރު މަތިކުރުން ކަމަށެވެ.
އެގޮތުން އެއާޕޯޓުގެ ވަސީލަތްތައް އިތުރަށް ފުރިހަމަކުރުމާއި، ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ އިތުރުން އެއާޕޯޓް ޒަމާނީ ފެންވަރަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ރައްޔިތުންނަށް އެންމެ ބޭނުންތެރި މަޝްރޫއުތައް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށެވެ.
ކިޔުންތެރިންގެ ހިޔާލު