ސްޓޭޓް ޔުޓިލިޓީ ސްކިލްސް އެކަޑަމީ” އިން ހިންގި “ކަމިންސް ކޭޓީއޭ 19 ސާވިސް ޓްރެއިނިންގ” ގެ ދެވަނަ ބެޗުގައި ހިމެނޭ، އެ ކުންފުނީގެ 10 މުވައްޒަފަކު ތަމްރީނު ފުރިހަމަކޮށްފިއެވެ.
ސްޓެލްކޯއިން މިއަދު ވިދާޅުވީ، އެ ކުންފުނީގެ އެކަޑަމީން ހިންގި އެ ތަމްރީނުތައް މި މަހުގެ ހަތަރަކުން 12 އަށް ކުރިއަށް ގެންގޮސްފައިވާއިރު، މި ބެޗުގައި، އަތޮޅުތެރޭގެ އިންޖީނުގެތަކުން 10 މުވައްޒަފަކު ބައިވެރިވެ ތަމްރީނު ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މަސައްކަތުގެ މާހައުލުގައި ހިފަހައްޓަންޖެހޭ ފަންނީ އަދި ސުލޫކީ މިންގަނޑުތަކަށް އަހުލުވެރިކުރުވުމާއި، ކަމިންސް ކޭޓީއޭ 19 އިންޖީނާއި ގުޅުންހުރި ފަންނީ މައުލޫމާތާއި އަމަލީ ތަމްރީނުގެ އިތުރުން، ފަސްޓް އެއިޑާއި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާއި އަލިފާން ނިއްވުމުގެ ގަވާއިދުތަކަށް އަލިއަޅުވާލާފައިވާ ކަމަަށްވެސް ވިދާޅުވިއެވެ.
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވި، މި ތަމްރީނު ޕްރޮގްރާމްގެ އެންމެ ބޮޑު ކާމިޔާބީއަކަށްވާނީ، ބައިވެރިން އެނބުރި ރަށަށް ގޮސް، މި ޕްރޮގްރާމުން ލިބިގަތް އިލްމާއި ހުނަރުގެ ބޭނުން ހިފައި، އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެ ތަޖުރިބާ ހިއްސާކޮށް، އޭގެ މަންފާ ރަށްރަށަށް ލިބިގެންދިއުން ކަމަަށެވެ.
ސްޓޭޓް ޔޫޓީލިޓީ ސްކިލްސް އެކެޑެމީއަކީ މުޖުތަމައުގައި އިންޖިނިއަރިންގެ ދާއިރާއަށް ޝައުޤުވެރިކަން އިތުރުކޮށް، އެ ދާއިރާއިން މީހުން ބިނާކުރުމުގެ ތެރެއިން، ރާއްޖޭގައި ދެވޭ އިންޖިނިއަރިންގާއި ގުޅޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެ ކުންފުނިން ގާއިމްކޮށްފައިވާ މަރުކަޒެކެވެ.
ސްޓެލްކޯއިން ގާއިމުކުރި އެ މަރުކަޒުގައި ކްލާސްރޫމްތަކާއި، ވޯކްޝޮޕަކާއި، ލެބޯޓްރީއެއްގެ އިތުރުން އެކޮމޮޑޭޝަން ވެސް ހިމެނެއެވެ. 5 މިލިއަން ރުފިޔާ ހަރަދުކޮށް، ސްޓެލްކޯގެ މުވައްޒަފުން %100 މަސައްކަތްކޮށްގެން ބިނާކޮށްފައިވާ އެ މަރުކަޒުގައި އެއްފަހަރާ 50 ކުދިންނަށް ތަމްރީނު ދެވޭނެއެވެ. ޗައިނާގެ ދެ ކުންފުންޏަކުން 200،000 އެމެރިކާ ޑޮލަރުގެ އަގުހުރި ވަސީލަތްތަކާއެކު އިއާދަކުރަނިވި ހަކަތައިގެ ލެބޯޓްރީއެއް ވެސް މަރުކަޒުގައި ވަނީ ގާއިމުކުރެވިފައެވެ.
ކިޔުންތެރިންގެ ހިޔާލު