މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްކަމަށް ކަނޑައަޅަން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް، އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހަށް ސަރުކާރުން ތާއީދު ކުރާނެކަމަށް ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، އިދިކޮޅު އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އޭނާ ވިދާޅުވެފައި ވަނީ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާއިރު، ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުންދިނުން އާއްމު ވެ، އެފަދަ އަމަލުތައް ތަކުރާރުވަމުންދިއުން ކަމަށެވެ. އެ ފަދަ އަމަލުތަކަކީ މިސްކިތުގެ ކަރާމާތަށް އުނިކަން ލިބޭފަދަ އަމަލުތަކެއްކަމަށްވާއިރު، މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިން ވާ ކަމަކަށްވާއިރު، އެ ފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިއްމު ކަމެއްކަމަށް ކުޑޫ ވިދާޅުވެފައިވެއެވެ.
މި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އެ ބިލަށް ތާއީދު ކުރައްވާ ކަމަށާއި، ޕީއެންސީން ވޯޓު ދީގެން އެ ބިލް މަޖިލީހަށް ބަލައިގަނެ ކޮމިޓީ މަރުހަލާއަށް ފޮނުވައި، އެ މަރުހަލާއިން މަޖިލިސް ތަޅުމަށް ގެނަސް ބިލް ފާސްކޮށްދެއްވާނެ ކަމަށެވެ.
ފަލާހު ވިދާޅުވީ، ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް މިހާތަނަށް އެންމެ ބޮޑު މަސައްކަތެއް ކުރައްވާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. އެގޮތުން ރައީސް މުއިއްޒު އެ ގެންދަވަނީ ހުރިހާ މިސްކިތްތަކެއް އޭސީ ކުރައްވަމުންކަމަށް ފަލާހު ވިދާޅުވިއެވެ.
މިބިލުގައި އިސްލާހު ހުށަހަޅާފައިވަނީ، ގާނޫނުގައި “ޓެރަރިޒަމް” ގެ އަމަލުތައް ބަޔާންކޮށްފައިވާ ހަތަރުވަނަ މާއްދާގެ (ށ) ގެ ހަތްވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށެވެ.
ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ އަމަލުތައް:
މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން
ކުށް ކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިކުރުވުން
ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން
މުދަލަށް ބޮޑެތި ގެއްލުން ދިނުން
ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން
އާންމުންނަށް ނުވަތަ އާންމުންގެ ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއްވާފަދަ ހާލަތެއް ކުރިމަތިކުރުވުން
މުހިންމު އުމްރާނީ ވަސީލަތަކަށް ބޮޑު ގެއްލުމެއް ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދުކަނޑުވާލުން
މި މާއްދާއަށް އިތުރު ކުރަން ކުޑޫ ހުށަހެޅުއްވި އިސްލާހުގައި ވަނީ، މިސްކިތަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު