ކުއްލި ޚަބަރު

އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

ނަން އިއްވި މެންބަރުން ނިކުންނަންދެން މަޖިލިސް މެދުކަނޑާލައިފި

ބިޒްނަސް އީމެއިލް ކޮމްޕްރޮމައިޒްކޮށްގެން ހިންގާ ސްކޭމްތަކަށް ސަމާލުވާން އެދިއްޖެ

އިންތިހާބަށް ރީ-ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

election commission

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށް ރަޖިސްޓަރީވުމުގެ ފުރުސަތު މިއަދުގެ 10:00 އިން އަންނަ ހޯމަ ދުވަހުގެ 15:00ގެ ނިޔަލަށް ހުޅުވާލާ ކަމަށެވެ.

އެ މުއްދަތުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓަރީވާން ބޭނުންވާ ފަރާތްތައް އެކަނި ކަމަށެވެ.

“ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީގައި އެމީހެއްގެ ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް،” އީސީން ބުންޏެވެ.

ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އީސީގެ ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ ނުވަތަ ‘މައި ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށެވެ.

‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހަޅާ އިރު، ރަޖިސްޓަރީވުމަށް އެދޭ މީހާގެ ވޯޓުލުމަށް ބޭނުންކުރެވޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީއެއް އަދި ހުށަހަޅާ މީހާގެ ފޮޓޯ ހުށަހަޅަން ޖެހެއެވެ. ‘މައި ޕޯޓަލް’ މެދުވެރިކޮށް ފޯމު ހުށަހެޅޭނީ ހަމައެކަނި ވެރިފައިޑް އީފާސް އެކައުންޓަކުން ކަމަށާއި، އެގޮތަށް ހުށަހަޅާ އިރު، ރީ-ރަޖިސްޓަރީވުމަށް އެދި ހުށަހަޅާ މީހާގެ ފޮޓޯ އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ނުޖެހޭނެ ކަމަށް އީސީން ބުންޏެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް، އަދި އެ ކޮމިޝަނުގެ އޮންލައިން ރަޖިސްޓަރީ ޕޯޓަލް މެދުވެރިކޮށްވެސް ބަލައިލެވޭނެ ކަމަށް އީސީން ބުންޏެވެ.

ރީ-ރަޖިސްޓަރީވުމާ ގުޅޭ އިތުރު މައުލޫމާތު 1414 އަށް ގުޅައިގެންނާއި، އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އީސީގެ މައި އިދާރާ ނުވަތަ އިންތިހާބާ ބެހޭ މަރުކަޒު ހުޅުވިފައި ހުންނަ ގަޑިތަކުގައި އެތަނަށް ދިއުމުން މައުލޫމާތު ސާފުކުރެވޭނެ އިންތިޒާމު އީސީން ވަނީ ހަމަޖައްސައިފައެވެ.

ހަ ސިޔާސީ ޕާޓީއަކުން ވާދަކުރާ އެ ދެ އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށްވެސް އެ އަދަދަށް މެންބަރުން އިންތިހާބުކުރަން ވަނީ ހަމަޖައްސައިފައެވެ.

އެ ދެ އިންތިހާބުގައި 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކުރަން އީީސީން ހަމަޖައްސާފައިވަނީ ރީ-ރަޖިސްޓްރޭޝަނަށްފަހުގައެވެ.

އޭގެ އިތުރުން އެ ދެ އިންތިހާބުގެ އޮބްޒާވަރުންނަށާއި މޮނިޓަރުންނަށް ވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ގުރުއަތު ނެގުން އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

majilis

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ރިފްއަތު އައްޔަން ކުރަން މަޖިލީހަށް

Election commission

ރީ-ރަޖިސްޓަރީ ވުމަށް މާދަމާ ހުޅުވާލަނީ

Election

ކައުންސިލް އިންތިޚާބު: 2،993 ކެންޑިޑޭޓުން ވާދަކުރާނެ

އޭދަފުށީ ކައުންސިލުގެ އަންހެން ދެގޮނޑިވެސް އިންތިހާބަކާ ނުލައި ޕީއެންސީއަށް

TTH_advertisement