މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނީ މިމަހުގެ 11 ވާ ބުދަ ދުވަހާ ހަމައަށް ކަމަށް ލޯކަލް ގަވަންމެންޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެޔަކު 8:30 އިން 11:00 އަށް މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. މާލެ ސަރަޙައްދުގައި މި ހަދިޔާ ބަހަން ފަށާފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މާލެ ސަރަޙައްދުގައި މިހާތަނަށް 43,923 މަސްދަޅު ކޭސް ވަނީ ދޫކޮށްފައެވެ. މި ސަރަޙައްދުގައި ރަޖިސްޓްރީ ކޮށްފައިވާ 65,230 ޑޮމެސްޓިކް މީޓަރު ހުރިއިރު، ސަރުކާރުން މަސްދަޅު ދޫކުރަނީ ކޮންމެ ޑޮމެސްޓިކް މީޓަރަކީ ގޭބިސީއެއް ކަމަށް ބަލައިގެންނެވެ.
އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކައުންސިލްތައް މެދުވެރިކޮށް މިހާރު ވަނީ ގިނަ ރަށްތަކުގައި މަސްދަޅު ކޭސްތައް ބަހައި ނިމިފައެވެ.
މާލޭ ސަރަޙައްދުގައި ޖުމްލަ 14 މަރުކަޒަކުން މަސްދަޅު ކޭސް ދޫކުރަމުންދާއިރު، ކޮންމެ ރެއަކު 300 ޓޯކަންއަށް މަސްދަޅު ކޭސް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މަސްދަޅު ކޭސް ހޯދުމަށް ބޭނުންވާ ޓޯކަން https://roadhahadhiya.mv/dv ޕޯޓަލް މެދުވެރިކޮށް މިހާރު ނެގޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު