ރާއްޖެއަށް ޗާގޯސް ޖަޒީރާ ރަށްތައް ދީގެން، އެމެރިކާއިން ކަންބޮޑުވާން ނުޖެހެނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޗާގޯސްގެ ސިޔާދަތީ ބާރު ވަނީ މޮރިޝަސްއަށް ދީފައެވެ. ނަމަވެސް، ޑިއޭގޯ ގާސިއާގައި ހުންނަ އިނގިރޭސި-އެމެރިކާ މިލިޓަރީ ބޭސް އަދިވެސް ބަލަހައްޓަނީ އެ ދެ ގައުމުންނެވެ.
އެމެރިކާގެ ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ޑރ. މުއިއްޒު ވިދާޅުވީ ރައީސް ޓްރަމްޕުގެ މަގުސަދަކީ އެމެރިކާގެ ކަނޑުގެ ސިފައިންނަށް ކުރިއަށް އޮތް ތަނުގައި ވެސް ޗާގޯސް ބޭނުން ކުރެވޭނެކަން ކަށަވަރުކޮށް ޔަގީން ކުރުން ކަމަށާއި ޗާގޯސް ޖަޒީރާގެ އެންމެ ވަރުގަދަ ސަލާމަތީ ސިފައަކީ، އެ ރަށްތަކުގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދު ހިމާޔަތްކޮށްފައި އޮތުން ކަމަށެވެ.
ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ބަދަލުކޮށްފި ނަމަ، މިހާރު ވެސް އެތަން ހިނގާ ގޮތަށް ކުރިއަށް ގެންދަން ދިވެހި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ދީފިނަމަ، ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒު މިހާރު ވެސް ހިންގާ ގޮތަށް ކުރިއަށްދެވޭނެ ގޮތެއް، ގާނޫނުއަސާސީގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ދިވެހި ސަރުކާރުން ހޯދާނެ،” ރައީސް
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ ކަނޑުގެ ބިޔަ ސަރަހައްދުތައް ހިމާޔަތްކޮށްފައި ބޭއްވުމަށް ދުނިޔޭގައި ވެސް އެންމެ ބޮޑަށް ތަޖުރިބާ ލިބިފައިވާ ގައުމު ކަމަށާއި ހިމާޔަތްކުރާން ޖެހޭ ސަރަހައްދުތަކަށް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގާބިލު ގައުމެއް ކަމަށެވެ. އަދި ޗާގޯސް ވެސް ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށަށް ގެނެސްފި ނަމަ އެ ތަން ވެސް ހިމާޔަތްކޮށްފައި ބޭއްވޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ޗާގޯސްގެ މައްސަލައިގައި ވާހަކަފުޅުދައްކަވާފައިވާ އިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗާގޯސް މޮރިޝަސްއަށް ދޫކޮށްލުމަކީ އިނގިރޭސިވިލާތުން ކުރި ބޮޑު މޮޔަކަމެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން އިސްތިޝާރީ ލަފައެއް ނެރެފައިވާ އިރު، އޭގައި ބުނެފައިވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން އިނގިރޭސިވިލާތުން ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތު މޮރިޝަސްއަށް ދޫކޮށްލުމަށްފަހު، ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކުލީގެ ގޮތުގައި އަހަރަކު 101 މިލިއަން ޕައުންޑް، 99 އަހަރު ވަންދެން ދައްކަން ޖެހޭނެއެވެ.
އިނގިރޭސިވިލާތުގެ ދަށުގައި ޗާގޯސް އޮތީ މޮރިޝަސްވެސް ހިމެނޭ ގޮތަށް ހުރިހާ ރަށެއް އިނގިރޭސިން އިސްތިއުމާރު ކޮށްގެން ތިބުމަށްފަހު މޮރިޝަސްއަށް މިނިވަންކަން ދިނުމުން އޭގެ ބަދަލުގައި ޗާގޯސްގެ ރަށްތަކަށް އިނގިރޭސިންގެ ބާރު ހިނގާ ގޮތަށް 1970 ގެ އަހަރުތަކުގެ ތެރޭގައި ބަދަލު ކުރުމުންނެވެ. އޭގެ ފަހުން ޗާގޯސްގެ ރަށްތަކުން ގަދަކަމުން މީހުން ބޭލުވީއެވެ.
މޮރިޝަސް އިން ރާއްޖެއާއި ޗާގޯސް ކަނޑުގެ ފުށު އަރާ ސަރަހައްދާ މެދު ގޮތެއް ނިންމައިދޭން ނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށްވެސް ހުށަހެޅިއެވެ. އެ މައްސަލައިގައި ރާއްޖެ އާއި މޮރިޝަސްގެ އިގުތިސާދީ ސަރަހައްދު ކުރަހާއިރު 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރާތީ އެތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމުލަ 47،232 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. މޮރިޝަސްއަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ.
ކިޔުންތެރިންގެ ހިޔާލު