ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އާލާތްތަކެއް އުރީދޫއިން އެމްއެންޑީއެފްއަށް

ރާއްޖޭގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް އިން ކުރަމުންދާ މަސައްކަތްތަކަށާއި، ކަނޑުއަޑީގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އެހީތެރިވުމުގެ ގޮތުން، އުރީދޫ މޯލްޑިވްސްއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ކަނޑުއަޑީގައި ބޭނުންކުރާ ހާއްސަ އާލާތްތަކެއް ހަދިޔާކޮށްފިއެވެ.

މިކަމަށް ޓަކައި ބަންޑާރަކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ތަކެތި ރަސްމީކޮށް އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ، ހާލިދު އަލް ހަމާދީއެވެ. އެމްއެންޑީއެފްގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ދިފާއީ ވަޒީރު، މުހައްމަދު ޣައްސާން މައުމޫނެވެ.

އުރީދޫއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ؛

  • 1 އޯޝަން ރީފް އެމް 105 ޑިޖިޓަލް ޑުއަލް ޗެނަލް ކޮމިއުނިކޭޝަން އިކުއިޕްމަންޓް
  • 1 ލޫބެލް ލެބް އަންޑަރ ވޯޓަރ ލައުޑްސްޕީކަރ
  • 3 އޯޝަން ރީފް ފުލް ފޭސް، ފޭސް 2 ޑައިވިންގ މާސްކު

މި އިކްއިޕްމެންޓްތަކަކީ ކަނޑުއަޑީގައި މުއާމަލާތްކުރުމަށާއި، ޑައިވަރުންގެ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން އޮޕަރޭޝަންތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ފަރުމާކޮށްފައިވާ ތަކެއްޗެވެ. އަދި މީގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހިންގާ ސަލާމަތީ އަދި މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އާއި އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ، ހާލިދު އަލް ހަމާދީ ވާހަކަފުޅު ދެއްކެވިއެވެ.

އެގޮތުން ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ އުރީދޫ މޯލްޑިވްސްއިން ވެދެއްވި މި ދީލަތި އެހީއަށް ޓަކައި އެ ކުންފުންޏަށް ޝުކުރު ދަންނަވައި، ކަނޑުގެ މާހައުލަށް ބިނާވެފައިވާ މިފަދަ ގައުމެއްގައި، ކޯސްޓްގާޑުގެ ސާޗް އެންޑް ރެސްކިއު އަދި ކަނޑުއަޑީގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށް އެ އިކްއިޕްމަންޓްތަކަކީ ވަރަށް ބޭނުންތެރި އިކްއިޕްމަންޓްތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އުރީދޫއިން ދެއްވާ މެދުކެނޑުމެއް ނެތް އެއްބާރުލުން ވެސް ހިލްމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީގެ ވާހަކަފުޅުގައި، ރާއްޖޭގެ ކަނޑަކީ ދިރިއުޅުމުގެ މުހިންމު ބައެއް ކަމާއި އެމްއެންޑީއެފުން ކުރައްވާ ބުރަ މަސައްކަތަކީ ގައުމީ ސަލާމަތަށް ނުހަނު މުހިންމު މަސައްކަތެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޑައިވަރުންގެ ސަލާމަތާއި ކަނޑުއަޑީގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް މިތަކެތި ހަދިޔާކުރެވުމަކީ އެ ފަރާތުން ފަހުރުވެރިވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި އުރީދޫގެ އަމާޒަކީ މުޖުތަމައުއަށް ފައިދާހުރި، ދެމެހެއްޓެނިވި އެހީތެރިކަން ފޯރުކޮށްދިނުންކަން ވެސް ފާހަގަކުރެއްވިއެވެ.

އުރީދޫ މޯލްޑިވްސްއަކީ އަބަދުވެސް އައު އީޖާދުތައް ތައާރަފުކޮށް، މުޖުތަމައު ބާރުވެރިކުރުވުމަށާއި ގައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަހުމަދު ޣިޔާޡް އާއި ޖެނެރަލް އޮފިސަރުންނާއި، ޔުނިޓުތަކުގެ ކޮމާންޑަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ޑައިވިން ދޯނީގައި ރޯވުން: ދޯނި އަޑިއަށް، އެކެއްގެ ފައި ފިހިއްޖެ

އުރީދޫން ހިއްސާއަކަށް މިފަހަރު ބަހާނީ 3.54 ރުފިޔާ

ooreedo

އުރީދޫގެ އަހަރީ އާންމު ޖަލްސާ މާޗް މަހުގެ 4 ގައި

އަނދަމުންދާ ދޯނީގެ އަލިފާން ވަނީ މިހާރު ކޮންޓްރޯލް ކުރެވިފައި: އެމްއެންޑީއެފް