އޭޑީކޭ ހޮސްޕިޓަލުގެ ޝަފީއާ އިންސްޓިޓިއުޓް އޮފް ހެލްތް (އެސްއައިއެޗް) އިން ބޭއްވި ފުރަތަމަ މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި ޕްރޮގްރާމަކީ ބޭސްފަރުވާގެ މައިގަނޑު ދާއިރާތަކުންނާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން އަމަލީ ތަޖުރިބާ އެންމެ ފުރިހަމައަށް ލިބޭނޭހެން ބައްޓަންކުރެވިފައިވާ ޕްރޮގްރާމެއްކަމަށެވެ.
އަދި އެ ޕްރޮގްރާމުގެ މަގުސަދަކީ އަމިއްލައަށް ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު އިންޓާނުންގެ ކިބައިގައި ހުރިކަން ކަށަވަރުކުރުންކަމުގަަައި އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އޭޑީކޭގެ މި މެޑިކަލް އިންޓާންޝިޕް ބޭއްވިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއީ ޖުމުލަ 52 ހަފްތާގެ މުއްދަތަށްކަމަށް ވުޒާރާއިން މައުލޫމާތުދީފައިވެއެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ، މުޅި ޖުމުލަ 18 މެޑިކަލް އިންޓާނުން މި ޕްރޮގްރާމް ފުރިހަމަކުރިކަމަށާއި، އަދި އޭގެ ތެރޭގައި، މެލޭޝިއާ، ޗައިނާ، ބެލަރޫސް، ފިލިޕީންސް، ޖޯޖިއާ، ޔޫކްރެއިން އަދި ރަޝިއާ ހިމެނޭހެން ތަފާތު ހަތް ގައުމަކުން ކިޔަވައިގެން އައި ދަރިވަރުން ހިމެނޭކަމަށެވެ.
މިނިސްޓްރީން ބުނީ އެ ޕްރޮގްރާމުގައި ހޮސްޕިޓަލުގެ މައިގަނޑު ކްލިނިކަލް ދާއިރާތަކުގެ ތަމްރީނުތަކުގެ އިތުރުން، ނަފްސާނީ ބަލިތަކާ ބެހޭ ހާއްސަ ތަމްރީނެއްކަމަށްވާ (ސައިކިއެޓްރީ ޕޯސްޓިންގް) ވެސް ހިމެނުނުކަމަށެވެ.
މި ޕްރޮގްރާމުގެ ސަބަބުން އިންޓާނުންނަށް އަސާސީ ސިއްހީ ހިދުމަތްތަކުގެ ތަޖުރިބާ ލިބި، އާންމު ސިއްހަތާ ގުޅުންހުރި ކަންކަމުގައި އަމަލީގޮތުން ބައިވެރިވުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު