މާލެ އަތޮޅު ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިއަށް “ބަލްމާ-6″ ނަމަކަށް ކިޔާ ބޯޓެއް ބަންޑުން ޖަހާލައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ، އުމުރުގެ ބޮޑުބައި ކަނޑުމަތީގައި ހޭދަކޮށްފައިވާ ބ. ހިތާދޫ، މުނިޔާ، އުމުރުން 60 އަހަރުގެ އަލީ ހުސައިންނެވެ. މިއަދު ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އަލީ ހުސައިންގެ ހަށިގަނޑު ފެނިފައިވަނީ ތާޖު އެގްޒޯޓިކާ ރިސޯޓު ކައިރިންނެވެ.
އަލީ ހުސައިންގެ ވަކިވެދިއުމަކީ އޭނާގެ އާއިލާއަށާއި އެކުވެރިންނަށް ލިބުނު ފުން ހިތާމައެކެވެ. އޭނާއަކީ ޒުވާން އުމުރުން ފެށިގެން ކަނޑު އުޅަނދުފަހަރު ދުއްވުމުގައި ހަރަކާތްތެރިވަމުން އައި، ކަނޑަށް ފަރިތަ މާލިމީއެކެވެ. މަސްވެރިކަން ކުރާ ދޯނިފަހަރާއި ސަޕްލައި ދޯނިތަކުގެ ކެޕްޓަންކަން ކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާއިރު، މި ހާދިސާ ހިނގިއިރު އޭނާ ދުއްވަމުން ގެންދިޔަ ބޯޓުގައި މަސައްކަތް ކުރާތާ ވެސް ގިނަ ދުވަސްތަކެއް ވެފައިވާކަން ފާހަގަކުރެވެއެވެ. ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ސިފަކުރެއްވި ގޮތުގައި އަލީ ހުސައިންނަކީ އެންމެންނާ ވެސް ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ވެރި އިންސާނެކެވެ. އޭނާގެ ތަޖުރިބާއާއި ހުުލްގު ހެޔޮކަމުގެ ވާހަކަ ދައްކަވަމުން ކައުންސިލް ރައީސް ވިދާޅުވީ، އަލީ ހުސައިންނަކީ ވަރަށް ރަނގަޅު އަދި އެންމެންނާ ވެސް ގުޅިގެން އުޅުނު ނަމޫނާ ޝަހުސިއްޔަތެއް ކަމަށެވެ.
މި ހާދިސާގައި ބޯޓު ބަންޑުން ޖަހާލިއިރު އޭގައި ހަތަރު މީހުން ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ކަނޑުވި ދެ މީހަކު ސަލާމަތްކުރީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކުންނެވެ. ނަމަވެސް، މި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، އަދި މިހާތަނަށް އޭނާ ފެނިފައެއް ނުވެއެވެ. މާލޭގައި އާއިލާއާއެކު ދިރިއުޅެމުން އައި އަލީ ހުސައިންގެ މައްޗަށް ކަށުނަމާދު ކުރުން އޮތީ ރޭގެ އިޝާ ނަމާދަށްފަހު އާ ސަހަރާ މިސްކިތުގައެވެ.
ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ކަމާބެހޭ އިދާރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފްއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަންޑުން ޖަހާލާފައިވާ ބޯޓު އޮތީ ފަރުމަތީގައެވެ. އަދި އެ ބޯޓު ފުންކުރުމުގެ އަމަލީ މަސައްކަތް އެމްއެންޑީއެފްގެ ޓީމުތަކުން މިހާރު އަންނަނީ ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު