ތަމްރީނުތަކެއް ހެދުމަށް އިންޑިއާ ކޯސްޓްގާޑާއި ސްރީލަންކާގެ ކަނޑުގެ ސިފައިން ރާއްޖެއަށް އަތުވެއްޖެއެވެ.
ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފުން “އެކްސް”ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ތިން ގައުމެއް ގުޅިގެން ބާއްވާ ތަމްރީނުތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ކޯސްޓްގާޑާއި ލަންކާ ކަނޑުގެ ސިފައިންގެ އުޅަނދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.
އެގޮތުން އައިސްފައިވަނީ އިންޑިއާ ކޯސްޓްގާޑު، އައިސީޖީ ދޯނިއާ، އައިސީޖީއެސް އަތުލްޔާގެ އިތުރުން އައިސީޖީއެސް ވަޖްރާ ކަމަށާއި ލަންކާ ކަނޑުގެ ސިފައިންގެ އައިސްފައިވަނީ އެސްއެލްއެންއެސް ސުރަނިމިލާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މިކަމާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް “މުޅިރާއްޖެ” އަށް ވިދާޅުވީ، އެ އުޅަނދުތައް އައިސްފައިވަނީ ތަމްރީނެއްގައި ބައިވެރިވުމަށް ކަމަށާއި އެ ތަމްރީނަކީ 3 ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ތަމްރީނެއް ކަމަށެވެ.
ނަމަވެސް މި ތަމްރީނު ފެށުމަށް ހަމަޖެހިފައިވަނީ ކޮން ދުވަހަކު ކަމެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު