މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތައް، އެމްޓީސީސީ ގެ މެނޭޖިން ޑިރެކްޓަރު، ޑީސީޕީ ރިޓަޔާޑް އަހުމަދު ސައުދީ ބައްލަވާލައްވައިފިއެވެ.
އެމްޓީސީސީއިން ބުނީ އެމްޑީ ސައުދީ މިއަދު ބައްލަވާލައްވާފައިވަނީ ބޮޑުތަކުރުފާނު މަގުގެ ސެގްމެންޓް ދޭއްގެ މަސައްކަތްތަކެވެ. މި ޒިޔާރަތުގައި އެމްޑީގެ އަރިހުގައި އެމްޓީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެވަޑައިގެން، މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލީ މައުލޫމާތު ހޯއްދަވާފައިވެއެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫއަކީ ޖުމްލަ ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުން ހަތަރު ލޭނަށް މަގު ފުޅާކުރުމާއި، ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް 830 މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމާއި، ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މި މަސައްކަތުގެ ފުރަތަމަ ބައި (ސެގްމެންޓް އެކެއް) ގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި އެ ސަރަހައްދުގައި ތާރު އަޅައި ނިންމުމަށްފަހު، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު