މޯލްޑިވްސް އިިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ.
މިއީ އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ.
މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ލިބުނު އާމްދަނީއަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ލިބުނު އާމްދަނީއަށްވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ އެ މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާކޮށްފައިވާ އަދަދަށްވުރެ 17.4 އިންސައްތަ އިތުރު މިންވަރެކެވެ.
މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރަނީ ޓޫރިޒަމް ދާއިރާގެ ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. މީގެ މައިގަނޑު ސަބަބަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅައިބަލާއިރު، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި މިންވަރު 12.8 އިންސައްތަ އިތުރުވުމެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ގްރީން ޓެކުހުގެ ރޭޓަށް ގެނައި ބަދަލާއެކު އާމްދަނީ ވަނީ އިތުރަށް މަތިވެފައެވެ.
އަންދާޒާ ކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވީވެސް ޓޫރިޒަމް ޖީ.އެސް.ޓީ އާއި ރިޒޯޓު ކުލީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމުން ކަމަށް މީރާއިން ބުނެއެވެ.
އާމްދަނީގެ މައިގަނޑު ބައިތައް:
ޓޫރިޒަމް ޖީ.އެސް.ޓީ: 1.72 ބިލިއަން ރުފިޔާ
ރިޒޯޓުތަކުގެ ކުލި: 519 މިލިއަން ރުފިޔާ
ގްރީން ޓެކްސް: 218.7 މިލިއަން ރުފިޔާ
ޑިޕާޗާ ޓެކްސް: 191.3 މިލިއަން ރުފިޔާ
އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ: 176 މިލިއަން ރުފިޔާ
އާމްދަނީން ނަގާ ޓެކްސް (އިންކަމް ޓެކްސް): 160 މިލިއަން ރުފިޔާ
މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 157.83 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށްވެސް މީރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު