ހިޔުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، (އެޗްއާރުސީއެމް)ގެ ރައީސްގެ މަޤާމަށް ކުރީގެ ވަޒީރު ޑރ. ޢާއިޝަތު ރަމީލާ އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އެޗްއާރުސީއެމްގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ. އިދިކޮޅު އެމްޑީޕީގެ އެއްވެސް މެންބަރަކު މިއަދުގެ ޖަލްސާއަށް ވަޑައިނުގަންނަވައެވެ.
އެ ކޮމިޝަނުގެ މެންބަރު ކަމަށް ޑރ. ރަމީލާ އައްޔަންކުރަން ފާސްކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އަދި އެ މަގާމަށް އޭނާ އައްޔަން ކުރެއްވީ މިދިޔަ ޑިސެންބަރު މަހުގެ 3ވަނަ ދުވަހުއެވެ.
ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަަމަށް އައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.
ޑރ. ރަމީލާއަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއަށް މި ސަރުކާރުން އައްޔަންކުރެއްވި ފުރަތަމަ ވަޒީރެވެ. ޞިއްޙީ ޙާލުކޮޅު ހުރިގޮތުން ވަޒީރުކަމުން އެކަމަނާ އިސްތިއުފާދެއްވީ، 1 ޑިސެންބަރު 2024ގައެވެ. ރައީސުލްޖުމްހޫރިއްޔާ، އެޗްއާރުސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ރަމީލާ އައްޔަން ކުރެއްވުމަށް ވަނީ ހުށަހަޅުއްވާފައެވެ. މި މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ވަނީ ފޮނުއްވާފައެވެ.
އެޗްއާރުސީއެމްގައި 5 މެންބަރުން ތިއްބަވައެެވެ. އެއީ ޑރ. ރަމީލާގެ އިތުރުން ކޮމިޝަންގެ ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދާއި، މެންބަރު ސަމާޢު އަޙުމަދު ނަޖީބާއި، އިސްމާއިލް ޙަބީބާއި އަޙްމަދު މަޤުސޫމް އެވެ.
ކިޔުންތެރިންގެ ހިޔާލު