އދގެ ސެކިއުރިޓީ ކައުންސިލް ކުއްލި ބައްދަލުވުމެއް މިއަދަށް ތައާވަލްކޮށްފިއެވެ.
އެމެރިކާއިން ވެނެޒުއެލާއަށް ކުއްލި ހަމަލާއެއްދީ އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އަނބިކަނބަލުން ހައްޔަރު ކުރި މައްސަލައާ ގުޅިގެން އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ކުއްލި ބައްދަލުވުމެއް މިއަދަށް ތައާވަލު ކުރުމަށް އެދިފައިވަނީ ކޮލޮމްބިއާއިންނެވެ.
ކޮލޮމްބިއާއިން އެދިގެން ބޭއްވުމަށް ހަމަޖެހިފައިވާ ކުއްލި ބައްދަލުވުން ބޭއްވުމަށް ކޮލޮމްބިއާއާ ބައިއަތު ހިފާފައިވަނީ ރަޝިޔާ އާއި ޗައިނާ އިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
15 މެމްބަރުން ހިމެނޭ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުން މިއަދަށް ތައާވަލު ކޮށްފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޫބަރާއި ޑިސެމްބަރު މަހުވެސް އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަނީ އެމެރިކާ އާއި ވެނެޒުއޭލާގެ މައްސަލައާ ގުޅިގެން ކުއްލި ދެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެމެރިކާއިން ވެނެޒުއެލާގެ ރައީސް ހައްޔަރުކުރުމާއެކު ދުނިޔޭގެ ބޮޑެތި ބާރުތަކުން ވަނީ އެކަމުގައި އެމެރިކާއަށް ފާޑު ކިޔައި އެކަން ކުއްވެރިކޮށްފައެވެ. އަދި މިނިވަން މުސްތަގިއްލު ގައުމެއްގެ ރައީސްއެެއް ހައްޔަރުކުރުން ގިނަ ބަޔަކު ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު