ހިފާފައިވާ ހުޅަނގު އައްސޭރީގައި އުދުވާނުތައް ހިންގަމުންގެންދާ އިސްތިއުމާރީ ސިފައިންނާ ދިމާއަށް ގަލެއް އެއްލި ކަމަށް ބުނެ ފަލަސްތީނު މީހެއްގެ ގަޔަށް ބަޑިޖަހައި ޝަހީދު ކޮށްލައިފިއެވެ.
އިސްތިއުމާރީ ސިފައިން ފަލަސްތީނު މީހާ ޝަހީދު ކޮށްލާފައިވަނީ، ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ އަލް ލުއްބާން އަޝަރްޤިޔާގައެވެ.
ބަޑިޖަހައި އެކަކު ޝަހީދުކޮށްލިއިރު، އިތުރު ދެމީހުން ޒަޚަމްވިއެވެ.
އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ސިފައިން ބަޑިޖެހީ، ސިފައިންނާ ދިމާއަށް ގާއުކި ބަޔަކާ ދިމާއަށް ކަމަށެވެ.
ފަލަސްތީނު ބަޔަކު ގާއުކި ނަމަވެސް، އެއިން ގަލަކުން ސިފައިންގެ މީހެއްގެ ގައިގައި ނުޖެހޭ ކަމަށްވެސް ބުނެފައި ވެއެވެ.
އިސްތިއުމާރީ ސިފައިން ގެންދަނީ މުޅި ހުޅަނގު އައްސޭރީގެ ރަށްތައް ރެއިޑްކޮށް، މީހުން ޝަހީދުކޮށް، އެތައްހާސް ބަޔަކު ހައްޔަރުކޮށް އަދި ގެތައް ތަޅައި ސުންނާފަތި ކުރަމުންނެވެ.
އަދި އެތައް އާއިލާއެއް އެމީހުންގެ ގެދޮރުން ގަދަކަމުން ނެރެ މަގުމަތި ކުރަމުންވެސް އެބަ ގެންދެއެވެ.
ނާބުލުސްއިން ހަތަރު އެޕާޓްމަންޓެއް މިއަދު ބިމާހަމަކޮށްލާފައި ވާއިރު، ހަތަރު މީހުން ހައްޔަރު ކޮށްފައި ވެއެވެ.
ރާމަﷲ އާއި އަލް ބައިރޭއިން 29 މީހުން ހައްޔަރު ކޮށްފައިވާއިރު، އޭގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނެއެވެ.
ތުލްކަރަމްއިން ތިންމީހުން ހައްޔަރު ކޮށްފައިވާއިރު، ހަބްރޫން ކައިރިން ދެމީހުން ހައްޔަރުކޮށް އެތައް ގެއެއް ރެއިޑްކޮށްފައި ވާއިރު، ތޫބާސްއާއި ތަމޫންއިން ހަތަރު މީހުން ހައްޔަރު ކޮށްފައި ވެއެވެ.
ޖެނީން ކައިރި ޖަބާ ރެއިޑް ކުރާތާ ދެދުވަސް ވެފައިވާއިރު، އެތައް ބަޔަކު ހައްޔަރުކޮށް، އެތައް ބަޔަކަށް އަނިޔާކޮށް ސުވާލު ކުރަމުންވެސް އެބަ ގެންދެއެވެ.
ބުލްޑޯޒަރު ބޭނުންކޮށްގެން ޣަރީހާއިން ދެ ވިލާއެއް މިއަދު ސުންނާފަތި ކޮށްލާފައި ވާއިރު، އިތުރު ވިލާއެއް ހަލާކުކޮށްލަން ނޯޓިސް ދީފައި ވެއެވެ.
އިސްތިއުމާރީ ޓެރަރިސްޓުން އެންމެ ބޮޑަށް ގެތައް ހަލާކުކުރަމުން ގެންދަނީ ހުޅަނގު އައްސޭރީގެ ނޫރު ޝާމް ރެފިއުޖީ ކޭމްޕްގައެވެ. އިއްޔެ އެކަނިވެސް ބުލްޑޯޒަރުން ގެތައް ހަލާކުކޮށް 100 އާއިލާ މަގުމަތި ކޮށްލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު