ޣައްޒާގައި ހިލޭސާބަހަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ އެތައް ޖަމާއަތެއްގެ މަސައްކަތް އިސްތިއުމާރީ އިސްރާއީލުން ހުއްޓުވައިފިއެވެ.
އެ ޖަމާއަތްތަކުގެ މަސައްކަތްތައް އިސްރާއީލުން ހުއްޓުވީ، އެމީހުން އަލަށް ހެދި އުސޫލާ އެއްގޮތަށް އަމަލު ނުކުރުމުން ކަމަށް ބުނެފައި ވެއެވެ.
އިސްރާއީލުން އެދުނީ، ޣައްޒާގައި މަސައްކަތްކުރާ އިންސާނީ އެހީދޭ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ޣައްޒާގައި ހަރަކާތްތެރިވާ ހުރިހާ ސްޓާފުންގެ ޒާތީ މައުލޫމާތު ދިނުމަށެވެ.
ނަމަވެސް، އިސްރާއީލުން އަލަށް ހެދި އުސޫލަށް އަމަލުކުރަން ޖަމާއަތްތަކުންވަނީ ދެކޮޅު ހަދާފައެވެ.
މިކަމާހެދި، ޣައްޒާ ތެރޭގައި ހިލޭ ސާބަހަށާއި އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރާކާތްތެރިވާ 37 ޖަމާއަތުގެ މަސައްކަތް މިހާރު ވަނީ ހުއްޓުވާފައެވެ.
މިއީ، ޣައްޒާގައި މިހާރު ހަރަކާތްތެރިވަމުންދާ ޖަމާއަތްތަކުގެ 15 އިންސައްތައެވެ.
އިސްރާއީލުން މަނާކުރި ޖަމާއަތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު، އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގްވާމީ އެތައް ޖަމާއަތެއްވެސް ހިމެނެއެވެ. އޭގެތެރޭގައި ޑޮކްޓަރސް ވިތައުޓް ބޯރޑާސް، އެކްޝަން އެއިޑް، ޑިފެންސް ފޮރ ޗިލްޑްރަން ފަދަ ޖަމާއަތްތައް ހިމެނެއެވެ.
އައު އުސޫލަށް އަމަލު ނުކުރާ ޖަމާއަތްތަކުން ލައިސަންސް މާދަމާއިން ފެށިގެން ބާތިލްކުރަން އިސްރާއީލުން ވަނީ ނިންމާފައެވެ.
ފަލަސްތީނު ރެފިއުޖީންނާބެހޭ އދގެ ޚާއްސަ އޭޖެންސީ، އަންރުވާއަކީ ޣައިރުގާނޫނީ ޖަމާއަތެއް ކަމަށް ކަނޑައަޅައި، އިސްތިއުމާރީ ބާރުން މިނިމޭ 2025 ވަނަ އަހަރުން ފެށިގެން އެ ޖަމާއަތް ފަލަސްތީނުގައި ހަރަކާތްތެރިވުން މަނާކުރުމުގެ ސަބަބުންވެސް، އިންސާނީ އެހީ ފޯރުކޮށްދިނުމުގެ އެތައް މަސައްކަތެއް ހުއްޓިގެންދިޔައެވެ.
ޣައްޒާގައި އިންސާނީ އެހީ ފޯރުކޮށްދިމުގައި ހަރަކާތްތެރިވާ އެތައް ޖަމާއަތެއްގެ މަސައްކަތް އިސްތިއުމާރީ ބާރުން މި ހުއްޓުވީ، އެއްބަސްވެފައިވާ މިންވަރާ ގާތަށްވެސް ޣައްޒާއަށް އިންސާނީ އެހީވެސް އެތެރެ ކުރިޔަނުދީ، ޣައްޒާގެ އާންމުން ބަނޑަށްމެރުމުގެ ޖަރީމާތައް ފުޅާކުރުމަށް ފަހުގައެވެ.
ކާބޯތަކެތީގެ އިތުރުން، ޑޮކްޓަރީ ބޭހާއި، އަސާސީ ޝަރޫރީ ތަކެއްތި ޣައްޒާއަށް އެތެރެކުރަންވެސް ޓެރަރިސްޓު ދައުލަތުން ގެންދަނީ ހުރަސް އަޅަމުންނެވެ.
ޣައްޒާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، މޫސުމީ ގަދަ ފިނިން ރައްކާތެރި ވެވޭނެ ގޮތެއްނެތި އެތައް މިލިއަން އާންމުން ވަރަށް ދަތި ހާލުގައި އުޅެމުންދާއިރު، އެކަމުން ސަލާމަތްވުމަށް ބޭނުންވާނޭ ތަކެތިވެސް ޣައްޒާއަށް އެތެރެކުރިޔަނުދީ ގެންދަނީ ހިފަހައްޓަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު