ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް އޮންލައިން ޕްރޮގްރާމްތައް ހިންގާ ކަމަށާއި އެފަދަ ސަނަދުތައް ގަބޫލު ނުކުރާނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ބުނެފިއެވެ.
އެމްކިއުއޭއިން މިއަދު ކުރި އިއުލާނުގައި ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑް ތަކަށް އެ އޮތޯރިޓީން، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުއްދަ ދީފައިވާ ގޮތާއި ޚިލާފަށް ބައެއް މަރުކަޒުތަކުން އޮންލައިންކޮށް ޕްރޮގްރާމް ހިންގާކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
އެމްކިޔުއޭ އިން ބުނީ ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް ހިންގާ ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމަށް މަޝްވަރާތައް ކުރަމުން ދިޔަ ނަމަވެސް އެއްވެސް ޕްރޮގްރާމެއް އޮންލައިންކޮށް ހިންގުމަށް މިހާތަނަށް އެ އޮތޯރިޓީން ހުއްދަ ދީފައި ނުވާނެ ކަމަށެވެ.
އެހެންކަމުން، ނޭޝަނަލް ކޮމްޕީޓެންސީ ސްޓޭންޑަޑްތަކަށް އެ އޮތޯރިޓީގެ ހުއްދަ ނެތި އޮންލައިންކޮށް ހިންގާ އެއްވެސް ޕްރޮގްރާމެއްގެ ސަނަދު ގަބޫލު ނުކުރާނެ ކަމަށް އެމްކިއުއޭއިން ބުންޏެވެ.
މަތީ ތައުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުމަކީ ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެމްކިއުއޭގެ މަސްއޫކިއްޔަތެކެވެ.
ކިޔުންތެރިންގެ ހިޔާލު