ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ޖިހާދުކުރާ ހަމާސް ޖަމާއަތުގެ އަސްކަރީ ފިޔަ، އިއްޒައްދީން އަލް ޤައްސާމް ބްރިގޭޑްސްގެ އަސްކަރީ ތަރުޖަމާނަކަށް އައު ބޭފުޅަކު އައްޔަން ކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ، އަލަށް އައްޔަން ކުރެއްވި ތަރުޖަމާނު ނެރުއްވި ކުރިން ރެކޯޑްކޮށް އަރަބި މީޑިއާއިން އާންމުކުރި ބަޔާނެއްގައެވެ.
އައު ތަރުޖަމާނުގެ ބަޔާނުގައި، ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ، މިއަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އިސްތިއުމާރީ ސިފައިން ގާޒާ ސިޓީއަށް ދިން ވައިގެ ހަމަލާއެއްގައި އަވަހާރަވެފައިވާކަން ކަށަވަރު ކޮށްދެއްވާފައި ވެއެވެ.
އައު ތަރުޖަމާނު ވިދާޅުވީ، އަބޫ އުބައިދާގެ ނަމުން މަޝްހޫރުވެފައިވާ ބޭފުޅަކީ އަސްލު ހުތައިފާ ސާމިރް އަލް ކަހްލޫތު ކަމަށެވެ. އަބޫ އުބައިދާއަކީ އޭނާގެ ވަނަމެވެ.
މިއީ، ހަމާސްއިން އަބޫ އުބައިދާއަކީ އަސްލު ކާކުކަން ދުނިޔެއަށް ހާމަކުރި ފުރަތަމަ ފަހަރެވެ.
ހަމާސްގެ އަސްކަރީ ތަރުޖަމާނުގެ މަގާމާއި، އަސްކަރީ ޔުނިޓުގެ ވެރިޔާގެ މަގާމު 20 އަހަރަށްވުރެ ގިނަދުވަހު ފުރުއްވިއިރު، އަބޫ އުބައިދާ އޭނާގެ މޫނު މީޑިއާއަށް ހާމަކުރައްވާފައެއް ނުވެއެވެ.
ހަމާސްގެ އަސްކަރީ ތަރުޖަމާނުގެ މަގާމަށް އަލަށް އައްޔަން ކުރެއްވި ފަރާތުގެ ނަންވެސް ހަމާސްއިން ހާމަކޮށްފައެއް ނުވެއެވެ. އޭނާގެވެސް އާންމު ކުރެވޭނީ ވަނަމެއް ކަމަށް ބެލެވިފައި ވެއެވެ.
ހަމާސްގެ އަސްކަރީ ތަރުޖަމާނު އަބޫ އުބައިދާ ވެވަޑައިގަތީ އިސްތިއުމާރީ އިސްރާއީލަށް ބޮޑު ބިރަކަށެވެ. އެއީ، މުޖާހިދުންގެ ހަމަލާތަކުގައި އިސްތިއުމާރީ ސިފައިންނަށާއި، އެމީހުންގެ ހަތިޔާރުތަކަށް ދެމުންގެންދިޔަ ގެއްލުންތައް އަބޫ އުބައިދާ ދުނިޔެއަށް ހާމަކުރަމުން ގެންދިއުމާ ގުޅިގެންނެވެ.
އަދި އޭނާގެ ސަބަބުން ހަމާސްގެ މުޖާހިދުންނަށާއި އަދި ފަލަސްތީނު ރައްޔިތުންނަށްވެސް ހިތްވަރު ލިބި ޖޯޝް އައުވަމުންދާތީއެވެ.
އިސްތިއުމާރީ ސިފައިން ހަމަލާދީ އަބޫ އުބައިދާ އަވަހާރަކޮށްލުމުން ފަލަސްތީނު މީހުން އެކަމާ ވަރަށް ހިތާމަކުރިއެވެ.
ކިޔުންތެރިންގެ ހިޔާލު