ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.
މިއީ ރާއްޖެއާއި އޮސްޓްރޭލިއާއާއި ސީދާ ދަތުރުތައް ފަށާ ދެމެދު ފުރަތަމަ ފަހަރެވެ.
މޯލްޑިވިއަނުން އޮސްޓްރޭލިއާއާއި ރާއްޖެއާއި ދެމެދު ސީދާ ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ ލީޑިންގ ޓްރެވެލް ކުންފުންޏެއްކަމަށްވާ ‘ލަގްޒަރީ އެސްކޭޕްސް’ އާ ގުޅިގެންނެވެ. މި ދަތުރުތައް ކުރަނީ އޮސްޓްރޭލިއާގެ މެލްބާންއިންނެވެ.
މި ތާރީޚީ ދަތުރުގެ ސަބަބުން ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު ގުޅުން ބަދަހިވެ ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެއެވެ.
މިއީ މޯލްޑިވިއަނުން ސީޒަނަލްކޮށް ފަށާ ދަތުރުތަކެކެވެ. މި ދަތުރުތައް ފަށާނީ އަންނަ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. މި ދަތުރުތައް ހަފްތާއަކު އެއް ފަހަރު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މޯލްޑިވިއަނުން ބުނީ، މި ފްލައިޓްތައް ތާވަލުކުރެވިފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރާ ދަތުރުތަކާ ގުޅުވައިގެންނެވެ. މީގެ ސަބަބުން ފަސިންޖަރުންނަށް މޯލްޑިވިއަންގެ އެތެރޭގެ ދަތުރުތަކާއި ސީޕްލޭން ނެޓްވޯކްގެ ހިދުމަތްތަކުގެ ފައިދާ ލިބޭނެއެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފަސޭހަކަމާއެކު ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޝް ވިދާޅުވީ، އޮސްޓްރޭލިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު މާކެޓެއްކަމަށެވެ. މީގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދި އިތުރުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް އޮސްޓްރޭލިއާއިން ރާއްޖެއަށް ވަނީ 40,490 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު އެޤައުމުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 35،818 ފަތުރުވެރިންނާ އަޅާ ބަލާއިރު %13 އިތުރު އަދަދެކެވެ.
ކިޔުންތެރިންގެ ހިޔާލު