އަންނަ ދިރާސީ އާ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ފުރިހަމައަށް ލިބިފައިވާކަން ކަށަވަރު ކުރުމަށް ޓަކައި، ދުރާލާ ސްކޫލްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އެގޮތުން މިނިސްޓްރީގެ އަމާޒަކީ ސްކޫލު ހުޅުވުމުގެ ކުރިން ހުރިހައި ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ދޫކޮށް ނިންމާލުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ހުރިހައި ރަށެއްގެ ސްކޫލުތަކަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް ވެސް ދުރާލައި ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިހާރު ހިނގަމުންދާ ދިރާސީ އަހަރުގެ ކިޔެވުން ނިމި، އަހަރުގެ ބޮޑު ޗުއްޓީ ފެށޭނީ މި ޑިސެމްބަރު މަހުގެ 25ވަނަ ދުވަހުއެވެ. އަދި ޗުއްޓީ ނިންމުމަށް ފަހު އަންނަ ދިރާސީ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ 27ވަނަ ދުވަހުއެވެ.
އަންނަ އަހަރުގެ ފުރަތަމަ ޓާމްގެ މިޑް ބްރޭކް މެއި މަހުގެ 24އިން 30ހަށް ލިބޭއިރު ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ ދަރިވަރުންނަށް ޗުއްޓީ ލިބޭނީ ޖުލައި މަހުގެ 17އިން އޯގަސްޓު މަހުގެ 1 އަށް ކަމަށް އަންނަ އަހަރަށް ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު