ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކުރައްވާފައެވެ. ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، ސަރުކާރުގެ އެކި އިދާރާތައް ގުޅިގެން ވަނީ ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައެވެ.
މި މަސައްކަތަށް އެކުލަވާލާފައިވާ ޓާސްކްފޯހަކީ، “ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް”ގެ ނަމުގައި އެކުލަވާލާފައިވާ ޓާސްކްފޯހެކެވެ. މީގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނެއެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހު މި ޓާސްކްފޯސް އެކުލަވާލައި މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބިދޭސީންގެ ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތަކާއި ގުޅޭ 125 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ.
އިޤްތިޞާދީ ވުޒާރާއިން ދެއްވާފައިވާ މައުލޫމާތުތަކަށް ބަލާއިރު، މިހާތަނަށް ރިޕޯޓްކުރެވުނު މައްސަލަތަކުގެ ތެރެއިން 35 ތަނެއް ބަލައި، 11 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ. ބަންދުކުރެވުނު ވިޔަފާރިތަކުގެ ތެރޭގައި 20 ކެފޭ، 12 ރީޓެއިލް ފިހާރަ، 2 ގަރާޖް އަދި 1 ގެސްޓް ހައުސް ހިމެނެއެވެ. މި ވިޔަފާރިތައް ބަންދުކުރުމަށް ނޯޓިސް ދީފައިވަނީ ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުންފަދަ ސަބަބުތަކާ ހެދައެވެ. މީގެ އިތުރުން ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ތަހުޤީޤީ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.
އިޤްތިޞާދީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ ދެ ގޮތެއް ވަނީ ފާހަގަކުރެވިފައެވެ. އެއީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ހިންގާ ވިޔަފާރިތަކާއި، ބިދޭސީންނަށް ވިޔަފާރި ކުރުން މަނާ ދާއިރާތަކުގައި ހިންގާ ވިޔަފާރިތަކެވެ. ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ 34 ދާއިރާގެ ލިސްޓެއް އެ ވުޒާރާއިން ވަނީ އެކުލަވާލާފައެވެ.
މިފަދަ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތުގައި، އާންމުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ޢިލްތިމާސްކޮށްފައިވެއެވެ. ރިޕޯޓް ކުރުމަށް އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ނުވަތަ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު ހޮޓްލައިން ނަންބަރު 3333199 އަށް ގުޅައިގެންވެސް ރިޕޯޓް ކުރެވޭނެއެވެ. މީގެ އިތުރުން އިމިގްރޭޝަން ވޮޗްއަށްވެސް މައްސަލަތައް ރިޕޯޓު ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު