ހޮންކޮންގައި އާންމުން ދިރިއުޅޭ އެޕާޓްމަންޓްތައް ހިމެނޭ އުސް ޓަވަރުތަކެއްގައި އަލިފާން ރޯވެ އެނދުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 83 އަށް އަރައިފިއެވެ.
އަލިފާން ރޯވެ އަނދާފައިވަނީ ހޮންކޮންގެ މެދުތެރޭ ޓައި ޕޯ އަވަށުގައި ހަދާފައިވާ ވަންގް ފުކް ކޯޓު ހައުސިން ކޮމްޕްކެސްގެ ޓަވަރުތަކެއްގައެވެ.
އަލިފާން ރޯވެފައިވަނީ ހޮންކޮންގެ ގަޑިން އިއްޔެރޭ މެންދަރު 2:50 އެހާއިރުއެވެ.
އަލިފާނުގެ ސަބަބުން އެ ތަނުގައި ހުރި އުސް 8 ޓަވަރުގެ ތެރެއިން 7 ޓަވަރު އެއްކޮށް އަނދާފައި ވާއިރު، މަރުވި މީހުންގެ އަދަދު މިހާރުވަނީ 83 އަށް އަރާފައެވެ.
އަލިފާންގަނޑުތައް ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް، މުޅިން އަދިވެސް ނިއްވައެއް ނުލެވެއެވެ.
ޓަވަރުތަކުގެ މަތީ ފްލޯތަކުގައި ދިރިއުޅޭ އެތައް ސަތޭކަ ބަޔަކު އަދިވެސް ފެނިފައި ނުވާއިރު، މީހުން ސަލާމަތް ކުރާ ޓީމުތަކަށްވެސް އިމާރާތްތަކުގެ އެންމެ މައްޗަށް ހިސާބަށް ދެވޭނޭ ގޮތެއް އަދި ނުވެއެވެ.
އަލިފާނުގެ ސަބަބުން އެކިވަރުގެ އަނިޔާ ލިބިގެން އެތައް ބަޔަކު ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން ގެންދާއިރު، ހާލުގައި ޖެހުނު މީހުންގެ އަދަދު އެތައް ސަތޭކައަށް އަރައެވެ.
އަލިފާން ރޯވި ޓަވަރުތަކަކީ ގާތްގަނޑަކަށް 4،600 މީހުން ދިރިއުޅޭ ޓަވަރު ތަކެކެވެ. އެ ޓަވަރުތަކުގައި 2،000 އެޕާޓްމަންޓް ހުރެއެވެ.
މިއީ، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ހޮންކޮންގައި ހިނގި އެންމެ ގެއްލުން ބޮޑު އަދި އެންމެ ވަރުގަދަ އަލިފާނުގެ ހާދިސާއަށް ވަނީ ވެފައެވެ.
މިއީ، ބައެއްގެ އިހުމާލުން ވީ ކަމެއް ކަމުގެ ތުހުމަތާއެކު ހޮންކޮންގ ފުލުހުން ވަނީ، ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އިސް 3 މީހަކު ހައްޔަރު ކޮށްފައެވެ.
ސަބަބަކީ އަލިފާން ރޯވިއިރު، ޓަވަރުތަކުގެ މަރާމާތުގެ މަސައްކަތަށް ވަށައިގެން އޮނުން ކަވަރުކޮށް ކުޑަދޮރު ތަކުންވެސް ބޭރު ނުފެންނަ ގޮތަށް ދާޖަހާފައި ހުރުމުންނެވެ.
އެއް ޓަވަރުން އަނެއް ޓަވަރަށް އެހާ އަވަހަށް އަލިފާންގަނޑު ފެތުރިގެން ދިޔައީ، އަނދަމުންދިޔަ އޮނުތަކުގެ ބައިތައް ވަޔާއެކު އެހެން ޓަވަރުތަކަށް ގޮސްގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު