މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދެމިލިއަނާއި ގާތްވެފައިވާ ކަމަށް، ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.94 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އެއީ ފާއިތުވި އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.9 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މިހާތަނަށް ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ 1.77 މިލިއަން ފަތުރުވެރިންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ފަސް ގައުމަކުންނެވެ. ޗައިނާ އިން 305،500 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ރަޝިއާ 245،989 އިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި އިނގިރޭސިވިލާތުން 173،970 ފަތުރުވެރިން ޒިޔާރަތްކުރިއިރު، ޖަރުމަނުވިލާތުން 146،935 ފަތުރުވެރިން އަދި އިޓަލީވިލާތުން 127،248 ފަތުރުވެރިން ޒިޔާރަތްކޮފައިވެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6446 ފަތުރުވެރިން އާދެއެވެ. ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ، ރިސޯޓްތަކުގައެވެ. އެއީ %73.7 އެވެ. ގެސްޓް ހައުސްތަކުގައި %21.6 ފަތުރުވެރިން އަދި ހޮޓެލްތަކުގައި %2.1 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު