ރާއްޖޭގައި މިހާރު އެއްވެސް ގޭންގެއް ނެތް ކަމަށާއި ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޝަރީއަތަށް ގޮސް މިހާތަނަށް ގޭންގެއް ކަނޑައަޅަން ޖެހިފައިނުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި ސަރުކާރުގެ “ހަފުތާ 104” ފާހަގަކުރުމަށް ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެންމެންގެ އެއްބާރުލުމާއެކު ކުރިއަށްއޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ޑްރަގާއި ގޭންގު ކުށްތައް އަދި ބިދޭސީންގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.
ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ފުލުހުން ޖެހެނީ ޕީޖީއަށް ފޮނުވައިގެން، ޕީޖީން ކޯޓަށް ގޮސްގެން ގޭންގެއް ކަމަށް ކަނޑައަޅަން ކަމަށާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދަންނަވާފައިވަނީ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް ކަމަށް ޕީޖީން އަންގާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
“ކުރީގައި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލައިފި. މިހާރު އެ ކުދިން، ޒުވާނުން މިހާރު ވިޔަފާރިކުރުމާއި އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ނޯމަލް ލައިފަކަށް ގޮސްފި. މިހާރު ގޭންގުތަކޭ މި ކިޔާ ގޭންގުތައް ވަރަށް މަދުވެއްޖެއޭ، އެހެންވީމާ ތިމަންނަމެން މިހާރު ގޭންގުތަކުގެ ގޮތުގައި ކަނޑައަޅާނެ ފަރާތެއް ނުފެނިގެންނޭ މި އުޅެނީ،” އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ހަރުކަށި ގާނޫނުތައް ގެންނަނީ ޒުވާނުން އެކަމުން ސަލާމަތްކުރަން ކަމަށެވެ. އޭގެ ނަތީޖާ ގޭންގު ގާނޫނުން ވެސް ފެންނަ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު