އަންނަ ޖެނުއަރީ މަހުން ފެށިގެން ނަފުސާނީ ބަލިތަކަށް ހިނގާ ހުރިހާ ޚަރަދެއް އާސަންދައިން ހަމަޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ނަފްސާނީ ބަލި ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގައި އާސަންދައިން ވަކި އިންސައްތައެއް ކަވަރު ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށެވެ.
ސަރުކާރުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިއްމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނަފްސާނީ ފަރުވާ އާސަންދައިގެ ތެރެއިން މިއަދާ ޖެހެންދެންވެސް ކަވަރ ނުކުރާކަމަށެވެ. އަދި އެއީ ހައިރާންވެވަޑައިގަންނަވާ ކަމެއްކަމަށެވެ.
“ކުރިން އާސަންދައިން އެއްކޮށް ފަންސާނީ ބަލީގެ ފަރުވާ ކަވަރ ނުކުރޭ. މިއަދާ ހަމައަށްވެސް އެއްކޮށް ނުލިބޭ. އަޅުގަނޑުމެން އެކަމުގައި ހައިރާންވެފައި މިތިބީ އެކަމުގައި. އެކަން ނިމުމަކަށް ގެނެސް 1 ޖެނުއަރީން ފެށިގެން ނަފްސާނީ ބަލީގެ ފަރުވާގެ ހުރިހާ ޚަރަދެއް އާސަންދައިން ލިބޭނެ އިންތިޒާމު ހަމަޖައްސާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނަފްސާނީ ބަލީގެ ފަރުވާގެ ނިޒާމު ހަރުދަނާކުރުމަށް ޚާއްސަ ސަމާލުކަމެއް ސަރުކާރުން ދެއްވާނެކަމަށެވެ. އެގޮތުން ގުރައިދޫގައި ހުންނަ މަރުކަޒު އިތުރަށް ތަރައްޤީކުރުމަށް 50 މިލިއަން ރުފިޔާގެ މަޝްރޫޢެއް ފުރަތަމަ ފަހަރަށް ކުރިއަށްގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. ސަރުކާރުން ޤައިމުކޮށްފައިވާ ނަފްސާނީ ބަލީގެ ޚާއްސަ ހޮޓްލައިނަށް މިހާތަނަށް މިވީ 2 އަހަރުގެ ތެރޭގައި 10000 އެއްހާ މީހުން ގުޅައިގެން ޚިދުމަތްވަނީ ހޯދާފައެވެ.
ނަފްސާނީ ފަރުވާއަކީ އަމިއްލަ ކްލިނިކްތަކުގައި އަގު ބޮޑު ޚިދުމަތަކަށްވާއިރު، އާސަންދައިގެ ތެރެއިން މިވޭ މުއްދަތުގެ ތެރޭގައި މިޚިދުމަތް ނުލިބޭތީ ގިނަ ފަރާތްތަކަކުން، އެކި ފަންޑުތަކުގެ އެހީގައި ނަފްސާނީ ބަލީގެ ފަރުވާ ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. އަދި ފަރުވާގެ އަގު ބޮޑުވުމަކީ ގިނަ ބަޔަކު މިޚިދުމަތް ނުހޯދާ ނަފްސާނީ ދުޅަހެޔޮކަމަށް ފަރުވާކުޑަކުރާކަމެކެވެ.
ނަފްސާނީ ބަލީގެ ފަރުވާ އާސަންދައިގެ ތެރެއިން ވަކި އިންސައްތައެއް ލިބޭނެ އިންތިޒާމު ފުރަތަމަ ފަހަރަށް ހަމަޖައްސާފައިވަނީ 2020 ވަނަ އަހަރުގައެވެ. ކޯވިޑާއެކު ގިނަ ބަޔަކަށް މިބަލީގެ ޝިކާރައަކަށްވުމާއެކީގައި ސަރުކާރުންވަނީ އޭރު ގިނަ ބައެއްގެ ކަންބޮޑުވުމައެކީ ވަކި އިންސައްތައެއްވަނީ ކަވަރ ކުރަންފަށާފައެވެ.
ކިޔުންތެރިންގެ ހިޔާލު