ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރަށް 2 އަހަރު ފުރުމާ ގުޅިގެން ނޮވެންބަރު 17 ވަނަ ދުވަހު ސަރުކާރުގެ މަސައްކަތްތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރުމަށް ޚާއްސަ ބައްދަލުވުމެއް ބާއްވަވާނެކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދެއްވެސް ފުއްދައިދިނުމަށް މުޅި ސަރުކާރު އެކުގައި ގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި، މި ބައްދަލުވުމުގައި ރިޔާސީ އިންތިޚާބުގެ ވަޢުދުތަކާއި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެކްޓްސްތަކާ އެކު ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ހިއްސާކުރައްވާނެކަމަށެވެ.
ސަރުކާރުގެ ކޮންމެ ވަޢުދަކާއި ނިންމުމެއް ހާސިލުވަމުންދާ މިންވަރު ވަރަށް ތަފްސީލީ ގޮތެއްގައި ބަލަހައްޓަމުންދާކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރުވެސް “ރައްޔިތުންނާއެކު ކުރިއަށް”ގެ ނަމުގައި ސޯޝަލް ސެންޓަރުގައި ލައިވް ބޭއްވި ބޮޑު ބައްދަލުވުމެއްގައި، ސަރުކާރުގެ ބޮޑެތި މަޝްރޫޢުތަކާއި އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކުރެވުނު މަސައްކަތްތަކާއި އަތޮޅުތަކުގެ ތަރައްޤީއަށް ހިންގަމުންދާ ކަންކަމުގެ ތަފްސީލްތައް ހިއްސާކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު