ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އައްޑޫ ހުޅުދޫ އަދި މީދޫއަށް ވަޑައިގެންފިއެވެ.
އައްޑޫ ހުޅުމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެ ރަށްރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި އެކި ޢުމުރުފުރާތަކުގެ މީހުން ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާއަށް މަރުހަބާ ދެންނެވުމަށް ދިގު ކިއޫއެއް ހަދާފައިއޮތެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަމުގެ އަޑު އައްސަވައި، އެ ރަށްރަށަށް ކުރައްވާ ތަރައްޤީގެ ތަސައްވުރު ރައީސުލްޖުމްހޫރިއްޔާ ޙިއްސާކުރައްވާނެއެވެ.
ހުޅުމީދޫއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވާނެއެވެ. އަދި ބޭންކު އޮފް މޯލްޑިވްސްގެ އައްޑޫ ހުޅުދޫ ބްރާންޗްގެ ބިންގާ އެޅުމުގެ އިތުރުން ހުޅުދޫ އަދި މީދޫގައި އަލަށް އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހުޅުމީދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާއިރު، ހުޅުމީދޫގައި އަލަށް ޤާއިމުކޮށްފައިވާ މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
މި ދަތުރުފުޅަކީ ވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ކިޔުންތެރިންގެ ހިޔާލު