ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލުން އިންޑިއާގެ ގައުމީ އެއާލައިން, އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.
އާ ޓާމިނަލުން އެއާ އިންޑިއާ އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ.

ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށްހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.

އަދި އާ ޓާމިނަލަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, AI2239 އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.
އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ 1976 ގައެވެ.

އެއާ އިންޑިއާ އާއެކު އާ ޓާމިނަލުން ޚިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު