ޔަންމާ ރެފްރިޖެރޭޓެޑް ސީވޯޓަ (އާރުއެސްޑަބްލިޔު) ނިޒާމު ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
ޔަންމާއިން މުޅީން އަލަށް، އުފައްދާފައިވާ އާރުއެސްޑަބްލިޔު ނިޒާމު ރަސްމީކޮށް ދިވެހި މަސްދޯންޏެއްގައި ހަރުކޮށް، ކޮމިޝަންކުރުން ފާހަގަކުރުމުގެ ގޮތުން ގދ. މަޑަވެލީގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.
އެ ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ޖެކްސަން ޓާން އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި މަޑުވެލި ކައުންސިލް ރައީސާއި މެންބަރުން އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި އާރުއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު “ކަމަނަ އޮޑި”ގެ ވެރިފަރާތް ސޯދިގު ހަަސަނަށް ހަނދާނީ ފިލައެއް އެރުވިއެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތައާރަފުކުރި މި އާރުއެސްޑަބްލިޔު ނިޒާމަކީ، ރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަަޅަށް ހާއްސަކޮށްގެން މިގޮތަށް ތައާރަފުކުރި ފުރަތަމަ ނިޒާމެވެ. ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ތިމާވެއްޓާ ރައްޓެހި އުފެއްދުމެކެވެ. އެގޮތުން، ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯޓޫ ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލެކެވެ.

އާރުއެސްޑަބްލިޔު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން، އެކަމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ކުރާނެއެވެ. އެގޮތުން އައިސް ނުލިބިގެން ދެން އުޅޭކަށް ނުޖެހޭނެ ކަމަށާއި އުޅަނދު ހިންގަން، ކުރާ ހަރަދު ކުޑަކުރެވި އިސްރާފު ވެސް މަދުވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
“މަސް ފިނިކޮށްދީ، މަހުގެ ތާޒާކަންް ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި، މަސްވެރިންގެ އާމްދަނީވެސް އެތައްތަނެއް އިތުރުވާނެއެވެ. މީގެ އިތުރުން، އާރުއެސްޑަބްލިޔު އެކުލެވޭ ޒެކްނޮލޮޖީއާއި ކޮންޓްރޯލް ޔުނިޓުގެ ޔޫޒާ އިންޓަފޭސްގެ ސަބަބުން ކަސްޓަމަރުންނަށް މި ނިޒާމު ބޭނުންކުރަން ފަސޭހައިން ދަސްކުރެވޭނެއެވެ..،” އެމްޓީސީސީން ބުންޏެވެ.
އާރުއެސްޑަބްލިޔު ނިޒާމެއް ތައާރަފުކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާތީ، އެ މަޝްރޫއު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް އެމްޓީސީސީއަށް ބޭނުންވާ ބޭރު ފައިސާ ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
މިދިޔަ އަހަރު ސަރުކާރުން ވަނީ އާރުއެސްޑަބްލިޔު ނިޒާމު ބޭނުންވާ ފަރާތްތަކަށް ހާއްސަ ފައިނޭންސިން ސްކީމެއް ވެސް އިފްތިތާހުކޮށްފައެވެ. އެ ސްކީމްގެ ދަށުން އާރުއެސްޑަބްލިޔު ޔުނިޓް، ޖެނެރޭޓަރު އަދި ސޯލާ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޒް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ސަރުކާރުން ވަނީ ހަމަޖައްސައިދީފައެވެ.
ކިޔުންތެރިންގެ ހިޔާލު