ރާއްޖޭގެ ހަތަރު ސިޓީއަކާއި، އިތުރު ރަށެއްގައި 68 މިލިއަން ރުފިޔާގެ ވަގުފު އިމާރާތްތަކެއް އެޅުމަށް ނިންމަވާފައިވާކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވަގުފު މަޝްރޫއުތައް އިތުރުކޮށް، އިސްލާމީ ފަންޑް ދިރުވުމުގެ މަސައްކަތުގެ ދަށުން، މާލެ ސިޓީގައި ދެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެއީ ހުޅުމާލޭގައި ތަރައްގީ ކުރާ ދާރުލް ސަލާމް އާއި މާލޭގައި ގާއިމްކުރާ ދާރުލް އަރްގަމްއެވެ.

މިނިސްޓަރު މިއަދު މީޑިއާ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އިސްލާމީ ހިދުމަތަށް ބޭނުންވާ ފުރިހަމަ މާލީ ނިޒާމެއް ގާއިމުކުރުމަށްޓަކައި، އިސްލާމީ ހަޟާރަތުގައި މުހިންމު ދައުރެއް އަދާކުރި އިސްލާމީ ވަގުފުގެ ނިޒާމް ފުޅާކުރުމަށް ރައީސް ޑރ، މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ގއ. ވިލިނގިލީގައި ވަޤުފު މަޝްރޫއުތަކެއް ފައްޓަވަން ރައީސް ނިންމަވާފައިވާ ކަަމަށެވެ.

މި މަޝްރޫއުތަކުގެ ދަށުން އައްޑޫ ސިޓީގައި 23 މިލިއަން ރުފިޔާ، ފުވައްމުލައް ސިޓީގައި 15 މިލިއަން ރުފިޔާ، ކުޅުދުއްފުށި ސިޓީގައި 10 މިލިއަން ރުފިޔާ، ތިނަދޫ ސިޓީގައި 10 މިލިއަން ރުފިޔާ އަދި ގއ. ވިލިނގިލީގައި 10 މިލިއަން ރުފިޔާގެ ވަގުފު އުފެއްދުމަށް އިންވެސްޓް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ހުރިހައި މަޝްރޫޢެއްގެ އަމަލީ މަސައްކަތް ލަސްވެގެން ޖަނަވަނީ މަހުގައި ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މި ޕްރޮޕަޓީތަކުން ލިބޭ ނަފާ ހަރަދު ކުރެވިގެންދާނީ އެ ސިޓީތަކުގެ އިސްލާމީ ކަންކަމަށާއި މިސްކިތްތަކާއި ޤުރުއާނުގެ އިލްމު ފެތުރުމަށް ކަމަށެވެ.

އަދި މާލެ ސަރަހައްދުގައި ކުރިއަށް ގެންދެވޭ ދެ މަޝްރޫއުގެ ނަފާ މުޅި ރާއްޖެއަށް ބެހިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.