އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ އެކި ހިސާބުތަކަށް ވަރުގަދައަށް ބޮން އަޅަން ފަށައިފިއެވެ.
އެގޮތުން، މިއަދުގެ މިހާތަނަށް ޣައްޒާގެ ދެކުނަށާއި، ޣައްޒާގެ މެދުތެރެއަށާއި، ޣައްޒާގެ އުތުރަށް ވިއްސަށްވުރެ ގިނަ ވަރުގަދަ ވައިގެ ހަމަލާތައް ދީފައިވާ ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ.
މި ހަމަލާތަކުގައި 11 މީހުން ޝަހީދުވެ އެތައް ބަޔަކު މިހާތަނަށް ޒަޚަމްވެފައިވާ ކަމަށްވެސް ސިވިލް ޑިފެންސުން ބުނެއެވެ.
އަސްކަރީ ޖެޓުތަކުން ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އިސްރާއީލު ސިފައިންގެ ޑްރޯންތައްވެސް މިހާރު ދަނީ ޣައްޒާގެ މަތިން އެކި ހިސާބުތަކުގައި ހޯރައަޅަމުންނެވެ. ޚާއްސަކޮށް ގާޒާ ސިޓީގެ ހާލަތު ވަކީން ގޯހެވެ.
މިކަމާހެދި، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން އުވި، އިސްރާއީލުން އަލުން ހަނގުރާމަ ފެށީތޯ ޣައްޒާގެ އާންމުން ގެންދަނީ ސުވާލު ކުރަމުންނެވެ.
ދެއަހަރު ވަންދެން ޣައްޒާއާ ދެކޮޅަށް އިސްތިއުމާރީ ބާރުން ކުރަމުންދިޔަ ހަނގުރާމަ ހުއްޓުމަކަށް ގެނެވުނުތާ ދިހަދުވަސްވެސް ނުވެއެވެ. ޣައްޒާގެ ރައްޔިތުންނަށް ހަމަނޭވާލާނެ ވަގުތުވެސް ނުލިބުނެވެ.
އިސްތިއުމާރީ އަސްކަރިއްޔާއިން ބުނެފައިވަނީ، ޣައްޒާއަށް އަލުން ވައިގެ ހަމަލާތައް ދޭން މިފެށީ، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ހަމާސްގެ ފަރާތުން “ނުރައްކާވާން ފެށުމުން” ކަމަށެވެ. އެކަމަކު ނުރައްކާ ކުރަނީ އިސްރާއީލުންނެވެ.
އަނެއްކޮޅުން، ޣައްޒާއާ ދެކޮޅަށް އަލުން ހަނގުރާމަ ފެށުމަށް އިސްރާއީލުގެ އެތެރެއިން މުޖުރިމު ނަތަންޔާހޫއަށް ބޮޑެތި ޕްރެޝަރތައް ކުރިމަތި ކުރަމުންދާ ކަމަށް، މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު ބެނީ ގަންޒާއި، ކުރީގެ ބޮޑުވަޒީރު ނަފްޓަލީ ބެނެޓާއި، ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ އެތައް މިނިސްޓަރުން މިއަދުވަނީ އަލުން ހަނގުރާމަ ފެށުމަށް ގޮވާލާފައެވެ.
އެމީހުން ބުނަމުންދަނީ، ހަމާސްއިން ޣައްޒާގެ ކޮންޓްރޯލް އަލުން ނަގައިފި ކަމަށާއި، ހަނގުރާމަކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ގައިދީން މިނިވަން ވުމާއެކު، އިސްތިއުމާރީ ސިފައިން އަލުން ހަނގުރާމަ ފަށާނެކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ.
ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ހަމާސްގެ އަތްދަށުގައި ދިރިތިބި 20 ގައިދީން ފުރަތަމަ ދުވަހު އިސްރާއީލާ ހަވާލުކޮށްފައި ވާއިރު، މަރުވެފައިވާ 28 ގައިދީންގެ ތެރެއިން އަދި ހަވާލުކޮށްފައިވަނީ މަދު ބައެއްގެ ހަށގަނޑެވެ.
މަރުވެފައިވާ ގައިދީންގެ ހަށިތައް ހަވާލު ނުކުރެވި ލަސްވަނީ، އިސްރާއީލުން މުޅި ޣައްޒާ ސުންނާފަތި ކޮށްލާފައި ވުމުން، ގައިދީން ތިބި ތަންތަނަށް ވާސިލް ނުވެވިގެން ކަމަށް ހަމާސްއިން ބުނެފައި ވެއެވެ. އިސްރާއީލު ގައިދީން މަރުވެފައިވަނީވެސް އިސްރާއީލު ސިފައިންގެ ހަމަލާތަކުގައެވެ.
އިސްތިއުމާރީ ބާރުގެ ވިސްނުން މިހާރު ހުރީ ބާކީ ހަށިތައް ހޯދުމަށް ނޫންކަން އެމީހުންގެ އަމަލުތަކާއި ވާހަކަތަކުން މިހާރު ވަރަށް ސާފެވެ.
ކިޔުންތެރިންގެ ހިޔާލު