ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުމާއި ބާރު އެޅުމަށްކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި އެންމެ އިސްކަމެއް ދޭން ޖެހޭނީ ކީރިތި ޤުރުއާން ކިޔެވުމަށް ހިއްވަރު ދިނުމާއި ބާރު އެޅުމަށްކަމަށާއި އަދި އެ ދާއިރާއިން ކުރިއަށް ދިއުމަށް ހުރިހާ މަގުތަކެއް ފަހިކޮށްދިނުމަށްކަމަށެވެ.
“ކީރިތި ޤުރުއާން ކިޔެވުމަށް ހުރިހާ ފަރާތްތަކަށް ހިއްވަރުދީ ކުރިއަށް ދިއުމަށް މަސައްކަތް ކޮށްދޭންޖެހޭ. ކީރިތި ޤުރުއާނުގެ ރޮނގު ކުރިއެރުވުމަށް ސަރުކާރުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭން މިތިބީ ތައްޔާރަށް.” ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ޤައުމުގައި އެންމެ މަތިވެރި އިނާމު ލިބެން ޖެހޭނީ ކީރިތި ޤުރުއާން ރީތިކޮށް ކިޔަވައިގެން ލިބޭ ވަނައެއްގެ ގޮތުގައިކަމަށާއި މިއަދު މި ފެށުނީ މިކަމަށް އާ މަގެއް، އާ ޞަފްޙާއެއްކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިސްލާމްދީނުގެ ރިވެތި މަގުގައި ކުރިއަށް ދިއުމަށް ހެޔޮ ނަސޭޙަތްތަކެއް ދެއްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ، ކޮންމެ ދުވަހަކުވެސް ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ޖަމާޢަތުގެ ނަމާދަށް ދިއުމާއި، ކީރިތި ޤުރުއާނަށް ސަމާލުކަން ދީގެން ރީތިކޮށް ކިޔެވުމަށް މަސައްކަތް ކުރުމާއި، ކުދިން އެ މަގުން ކުރިއަށް ދިއުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގައި ކުރިން ހުރި ރީތިތައް އާދަތައް އަނބުރާ ގެނައުމަށް މަސައްކަތް ކުރުމަކީ ޤައުމަށް ހަޤީޤީ ކުރިއެރުން ލިބޭނެ ކަމެއްކަމަށާއި ދިވެހިރާއްޖޭގެ މުސްތަޤުބަލު އޮތީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ކުރިއަށްދާ މަސައްްކަތް ކުރުމުންކަމަށެވެ.
މިއަހަރަކީ ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރަތުގެ ރަންވަނަތަކަށް އެންމެ އަގުހުރި އިނާމުތައް ދެވިގެންދިޔަ އަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިފަޚުރުވެރި ވަނަތަކަށް މިއަހަރު ދެވުނު އިނާމުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި، ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ އިނާމުތަކާއި، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީ.އެޗް.ޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާދެއްވާ ޚާއްޞަ ސްކޮލަރޝިޕާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި އަދި މޯލްވިސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ދެވުނު ޢުމްރާ ދަތުރެކެވެ.
ކިޔުންތެރިންގެ ހިޔާލު